ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ ދުވަސް ފާހަގަކޮށްފި

ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު އަތުގުޅާލުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

މާލޭގައި މިހަރަކާތްކުރިއަށްގެންދިޔައީ މާލެ ވަށައިގެން ބޮޑުތަކުރުފާނުމަގުގައެވެ. މާލޭގައި ބޭއްވި އަތުގުޅާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މުއައްސަސާތަކުގެ ވެރިންން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބޭރު ޤައުމުތަކުގެ ސަފީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، ޢާއްމުންވެސް މިއަތުގުޅާލުމުގައި ބައިވެރިވިއެވެ

ޤައުމީ ދިދަ ހިފައިގެން ބޭއްވި މިއަތުގުޅާލުމުގައި ކުޑަކުދިންވެސް ބައިވެރިވިއެވެ. މިއީ ރާއްޖޭގައި މިދުވަސްފާހަގަކުރި ފުރަތަމަފަހަރެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ދިވެހިންނާއި، ރާއްޖޭގައި އުޅޭ އެކިޤައުމުތަކުގެ މީހުން އެއްވަގުތެއްގައި އެއްތަނަކުން ބައްދަލުވެ އެކަކު އަނެކެއްގެ މެދުގައި އެކުވެރިކަމާއި ރަހުމަތްތެރިކަން އުފެއްދުމެވެ.

މިހަރަކާތް މާލޭގެ އިތުުރުން ބައެއް ރަށްތަކުގައިވެސް ކުރިއަށްގެންދިޔައެވެ.