މިނިވަންދުވަހުގެ ހެވިކަމާ ކުޅިވަރުތައް ބާއްވައިފި

މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހެވިކަމާ ކުޅިވަރު ރަސްމީ ސްޓޭޑިއަމްގައި މިރޭ ބާއްވައިފިއެވެ.

ހެވިކަމާ ކުޅިވަރު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުންނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރުވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުންވެސް ދައުލަތުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހެވިކަމާ ކުޅިވަރުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން ސިފައިންނާއި ކެޑޭޓްގެ ލަޝްކަރުގެ ޝަރަފްގެ ހިނގާލުން އޮތެވެ.ކުޅިވަރުތަކުގައި މާލޭގެ 6 ސްކޫލަކުން ބައިވެރިވެ އައިޓަމް ހުށައަޅައިދިނެވެ. މީގެއިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސްގެ އައިޓަމަކާއި، ލައިޓް ޝޯވއެއްވެސް ކުރިއަށްގެންދިޔައެވެ.

ކުޅިވަރުތަކުގައި ބައިވެރިވި ފަލާހު ޕްރީސްކޫލްގެ އައިޓަމްގައި 259 ދަރިވަރުން ބައިވެރިވިއެވެ. ދަރުމަވަންތަ ސްކޫލްގެ އައިޓަމްގައި 150 ދަރިވަރުން ބައިވެރިވިއެވެ. މުހުޔިއްދީން ސްކޫލް އައިޓަމްގައި 186 ދަރިވަރުން ބައިވެރިވިއެވެ. އިސްކަންދަރު ސްކޫލް އައިޓަމްގައި 269 ދަރިވަރުން ބައިވެރިވިއެވެ. ރެހެންދި ސްކޫލުން އައިޓަމް ހުށައަޅައިިދިނީ 167 ދަރިވަރުންނާއެކުއެވެ. ވިލާ އިންޓަރނޭޝަނަލް ހައިސްކޫލްގެ އައިޓަމްގައި 220 ދަރިވަރުން ބައިވެރިވިއެވެ. އެންމެފަހުން އޮތީ މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގެ އައިޓަމެވެ. އެއައިޓަމްގައި 350 ބޭކަލުން ބައިވެރިވިއެވެ.

މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޕެރޭޑާއި ރޫޓްމާޗް މާދަމާ ހަވީރު މާލޭގެ ބޮޑަތި މަގުތަކުގައި އޮންނާނެއެވެ. އަދި ފުޅަނދުބުރު މާދަމާރޭ މާލޭގެ ބޮޑަތި މަގުތަކުގައި އޮންނާނެއެވެ.