ފުޅަނދުތަކުގެ މަސައްކަތްތައް ހިނގަމުންދާގޮތް ހޯމް މިނިސްޓަރ ބައްލަވާލައްވައިފި

މިނިވަން ދުވަހަށް ސަރުކާރުގެ ކުންފުނިތަކުން ތައްޔާރުކުރަމުންދާ ފުޅަނދުތަކުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ބައްލަވާލައްވައިފިއެވެ.

ބައެއް ކުންފުނިތަކުން ފުޅަނދުތައް ތައްޔާރުކުރާ ޞަރަހައްދުތަކަށް ވަޑައިގެން، މިނިސްޓަރ ވަނީ މަސައްކަތް ހިނގަމުންދާ ގޮތުގެ މައުލޫމާތާއި، ފުޅަނދުގެ މައުލޫމާތު ހޯއްދަވާފައެވެ. އަދި ފުޅަނދާއެކު ކުރިއަށްގެންދާ ހަރަކާތްތަކަށް ތައްޔާރުވުމުގެ ކަންކަން ކުރިއަށްދާގޮތްވސް ބައްލަވާލައްވާ، މައުލޫމާތު އޮޅުންފިލުއްވިއެވެ. ފުޅަނދުތައް ހެދުމުގެ މަސައްކަތްކުރާ މުވައްޒަފުންނާވެސް މިނިސްޓަރ ބައްދަލުކުރެއްވިއެވެ.

ފުޅަނދުބުރު މިއަހަރު ބާއްވަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. މިއަހަރުގެ ފުޅަނދުތަކުގެ ތެރޭގައި ޖަޒީރާވަންތަކަން ދައްކުވައިދޭނެއެވެ. އަދި ކުޑަކުދިން ޝައުޤުވެރިވާ ފުޅަނދުތަކާއި، ޘަޤާފަތާއި، ޤައުމިއްޔަތު ދައްކުވައިދޭ ފުޅަނދުތަކާއި، އައިޓަމްތައް ހިމެނޭނެއެވެ.

ފުޅަނދުބުރުގެ އިތުރުން ހެވިކަމާއި ކުޅިވަރު ރަސްމީ ސްޓޭޑިއަމްގައި އޮންނާނެއެވެ. ހެވިކަމާ ކުޅިވަރު އޮންނާނީ އަންނަ ހުކުރު ދުވަހުގެރެއެވެ. ފުޅަނދުބުރު އޮންނާނީ ހޮނިހިރުދުވަހުގެރޭ މާލޭގެ ބޮޑަތި މަގުތަކުގައެވެ. މީގެއިތުރުން ޢާއްމުކޮށް ފުޅަނދުތައް ދައްކާލުން އަންނަ އާދިއްތަ ދުވަހުގެ ހަވީރާއި ރޭގަނޑު އިންޑަސްޓްރިއަލް ޒޯން ޞަރަހައްދުގައި އޮންނާނެއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ޕެރޭޑާއި ރޫޓްމާޗް އޮންނާނީ ހޮނިހިރު ދުވަހު ހަވީރު މާލޭގެ ބޮޑަތި މަގުތަކުގައެވެ. ޕެރޭޑާއި ރޫޓް މާޗްގައި އެމްއެންޑީއެފްގެ ޕެރޭޑާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމާއި ލަޝްކަރު ބައިވެރިވާނެއެވެ.