މާފުށި ޖަލުގައި ހިނގި ހާދިސާ ތަހުޤީޤުކޮށް ނިމެންދެން އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ ކޮމާންޑަރ ސަސްޕެންޑްކުރަން ހޯމް މިނިސްޓަރ އަންގަވައިފި

މިމަހުގެ 20 ވަނަ ދުވަހު މާފުށި ޖަލުގައި ހިނގި ހާދިސާ ތަހުޤީޤުކޮށް ނިމެންދެން، އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ ކޮމާންޑަރ ސަސްޕެންޑްކުރަން ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ އަންގަވައިފިއެވެ.

މިނިސްޓަރ އެގޮތަށް އެންގެވީ އެމައްސަލައާއި ގުޅިގެން މަޢުލޫމާތު ސާފްކުރައްވާ ހާލަތު ދެނެގަތުމަށް މިއަދު ހެނދުނު މާފުށި ޖަލަށް ޒިޔާރަތްކުރައްވާ، މައުލޫމާތު އޮޅުންފިލުއްވުމަށްފަހުއެވެ. މިއަދު މާފުށްޓަށް ވަޑައިގެން މިނިސްޓަރ ވަނީ ކަރެކްޝަންސްގެ އިސް އޮފިސަރުންނާ ބައްދަލުކުރައްވާފައެވެ. އަދި ހާދިސާގައި އަނިޔާލިބުނު ފަރާތްތަކާވެސް ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުއްވިއެވެ. މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ މިމައްސަލަ ބަލާނިމިގެން އިރާދަކުރެއްވިއްޔާ އަޅަންޖެހޭ ފިޔަވަޅުތައް އެޅިގެންދާނެކަމަށެވެ.

" ރާއްޖޭގެ ޖަލުތަކަކީ އެތައް އަހަރެއް ވަންދެން ހައްލެއް ނައިސް އޮތްތަނެއް. އެހެންވީމާ އެކަން ހައްލުކޮށް ޖަލަށް ހެޔޮބަދަލުތަކެއް ގެނައުމަށް ކުރަންޖެހޭ ވަރަށްގިނަ ކަންކަން އެބަހުރި. އެހެންވީމާ އެކަންކުރުމުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެބަދެމިތިބީމު. އަޅުގަނޑު ޔަޤީންކަން ދެން އިރާދަކުރެއްވިއްޔާ މިހާލަތުން އަރައިގަތުމާހަމައަށް ގެންދަން އަޅުގަނޑުމެން މަސައްކަތްކުރާނަން. މިއަދުން ފެށިގެން އިރާދަކުރެއްވިއްޔާ އެފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށް، ހާދިސާއެއް ހިނގުމުން އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުން ނުކުރެވޭނެގޮތަކަށް އިންތިޒާމް ކުރުމުގެ ކަންކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނަން. " މިނިސްޓަރ ވިދާޅުވިއެވެ.

މައްސަލަ ތަހުޤީޤުކޮށް ނިމި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސްނުޖެހޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ. މައްސަލަ ތަހުޤީޤުކުރެއްވުމަށް އިންސްޕެކްޓަރ އޮފް ކަރެކްޝަންސްއަށް އެންގެވުމާ ގުޅިގެން އެމަސައްކަތް އިންސްޕެކްޓަރ އޮފް ކަރެކްޝަން ގެންދަވަނީ ކުރައްވަމުންނެވެ. ހާދިސާ ހިނގުމާއެކު އެރޭ އިންސްޕެކްޓަރ އޮފް ކަރެކްޝަން ވަނީ ޖަލަށް ވަޑައިގެން ތަހުޤީޤު ފައްޓަވާފައެވެ. މިއަދުވެސް ޖަލަށް ވަޑައިގެން އިންސްޕެކްޓަރ އޮފް ކަރެކްޝަންސް ވަނީ ހާދިސާގެ މައުލޫމާތު ހޯދާ، ތަހުޤީޤުގެ މަސައްކަތް ކުރިއަށްގެންދަވާފައެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ދަށުން ޖަލުތަކުގައި ޤައިދީންނާމެދު އަމަލުކުރަނީ އެމީހުންނާމެދު އަމަލުކުރަންވާނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންތޯ ބެލުމަކީ އިންސްޕެކްޓަރ އޮފް ކަރެކްޝަންސްގެ ޒިންމާއެކެވެ. އެޤާނޫނުގެ 10 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ ޖަލެއްގައި މީހުންނަށް އަނިޔާކުރެވޭކަމަށް ކުރާ ޝަކުވާތައް މިނިވަންކަމާއެކު އަޑުއަހައި، ތަހުޤީގުކޮށް މިނިސްޓަރަށް ރިޕޯރޓް ހުށައަޅަންވާނެކަމަށެވެ. އެމަސައްކަތް އިންސްޕެކްޓަރ އޮފް ކަރެކްޝަންސް ގެންދަވަނީ ކުރައްވަމުންނެވެ.