މިއަހަރުގެ ދެވަނަ ޔޫތް ލީޑާރސް ނެޓްވޯކް ފޯރަމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިރޭ ފައްޓަވައިދެއްވައިފި

މިއަހަރުގެ ދެވަނަ ޔޫތް ލީޑާރސް ނެޓްވޯކް ފޯރަމް މިރޭ ފަށައިފިއެވެ. ފޯރަމް ފެށުމަށް ހުޅުމާލޭ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މިފަހަރުގެ ފޯރަމްގައި ކޮލެޖް ޔުނިވަރސިޓީތަކުން 150 ދަރިވަރުން ބައިވެރިވާނެއެވެ. ފޯރަމްގެ ސެޝަންތައް ކުރިއަށްގެންދާނީ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. މިފަހަރުގެ ފޯރަމް އަމާޒުކޮށްފައިވަނީ " ތަހައްމަލުކުރުމުގެ ޘަޤާފަތް - މުޖުތަމަޢުގެެ ހަމަޖެހުން " މިޝިޢާރުގެ މައްޗަށެވެ. ޝިއާރާ ގުޅުންހުރި ތަފާތު ހަ ދާއިރާއަކުން ތަޖުރިބާ ލިބިވަޑައިގެންތިއްބެވި ބޭފުޅުން މައުލޫމާތު ޙިއްޞާކޮށް، މަޝްވަރާކުރާނެއެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ މިފަދަ ފޯރަމްތަކުގެ ނަތީޖާއަކަށް ވެގެންދާނީ މުޖުތަމައުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރުމުގެ އިތުރު ފުރުޞަތުތަކެއް ޒުވާނުންނަށް ލިބިގެންދިއުންކަމަށެވެ.

އެމަނިކުފާން ވިދާޅުވީ ތަހައްމުލުކުރުމުގެ ހިތްވަރާއި، ކެތްތެރިވުމުގެ ހިތްވަރު ޒުވާނުންގެ ކިބައިގައި ހުންނާނެކަމަށެވެ. ދިމާވާ އެކި ކަންކަމާ ކުރިމަތިލުމުގެ ހިތްވަރުވެސް ހުންނަންވާނެކަމަށް އެމަނިކުފާން ވިދާޅުވިއެވެ. ސަރުކާރުންވެސް އަދި ރައީސުލްޖުމްހޫރިއްޔާވެސް އެންމެބޮޑު ސަމާލުކަމެއްދެނީ ޒުވާނުންނަށް ކަމަށާއި، ޚާއްޞަކޮށް ތައުލީމަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.ފުރުޞަތު ލިބިފައި އޮންނަ ވަގުތު އެފުރުޞަތުގެ ބޭނުން ހިފަން ޖެހޭކަމަށާއި، ޒުވާންކަމަކީވެސް އަބަދު އޮންނާނެކަމެއް ނޫންކަން ޤަބޫލުކުރަންޖެހޭކަމަށްވެސް އެމަނިކުފާން ވިދާޅުވިއެވެ.

ފޯރަމް ފެށުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވީ ހޯމް މިނިސްޓްރީގެ އެންމެ މުޙިއްމު އެއް ޒިންމާއަކީ ސުލުހަވެރި، އަމާން، ރައްކާތެރި ވެއްޓެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރުންކަމަށެވެ. އެމަނިކުފާން ވިދާޅުވީ މިއީ ބިޔަ ބޮޑު ބުރަ ޒިންމާއެއްކަމަށެވެ. މިޒިންމާ އަދާކުރުމަށް ހޯމް މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތަކީ ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު ފަންތީގެ ތަފާތު ގިންތީގެ އޯޑިއަންސްތަކަށް އަމާޒުކޮށްގެން ބާއްވާ ފޯރަމްތަކާއި، ވޯކްޝޮޕް ފަދަ ޕްރޮގްރާމްތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޒިންމާދާރު ރައްޔިތެއްގެ ކިބައިގައި ހުންނަންޖެހޭ ރިވެތި، މަތިވެރި ސިފަތަކުގެ ތެރެއިން އެންމެ މުޙިއްމު އެއްސިފައަކީ ޓޮލަރަންސް ނުވަތަ ތަޙައްމަލުކުރުމުގެ މާތްސިފަކަށެވެ. އެމަނިކުފާން ވިދާޅުވީ ޓޮލަރެންސް ނުވަތަ ތަޙައްމަލުކުރުމުގެ ސިފައަކީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމާ، އުފާފަގަތިކަން ކަށަވަރުކުރުމަށްޓަކައި މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ކިބައިގައި ކޮންމެހެން އަށަގަންނުވާ އާލާކުރަންޖެހޭ ސިފައެއްކަމަށެވެ.

ފޯރަމްގައި މަޢުލޫމާތު ޙިއްޞާކުރާ ދާއިރާތަކަކީ ޓޮލަރަންސް އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ހެރިޓޭޖް އެންޑް ޓޮލަރަންސާއި، ލީޑަރޝިޕާއި ޓޮލަރަންސާއި، އިސްލާމް އަދި ޓޮލަރަންސާއި، ޕީސް އެންޑް ޓޮލަރަންސާއި، ޕޮލިޓިކަލް ޓޮލަރަންސެވެ. އިސްލާމް އަދި ޓޮލަރަންސް ސެޝަން ކުރިއަށްގެންގޮސްދެއްވާނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲއެވެ.

ޔޫތް ލީޑާރސް ނެޓްވޯކަކީ ޒިންމާދާރު ރައްޔިތުން ބިނާކޮށް ޤައުމީ ރޫޙާއި އެއްބައިވަންތަކަން ދިރުވަން ޔުނިވަރސިޓީ އަދި ކޮލެޖް ދަރިވަރުން އެކުލެވޭ ގޮތަށް އުފައްދާފައިވާ ކައުންސިލެކެވެ. އެކައުންސިލް އެކުލަވާލެވި މަސައްކަތްކުރަމުންދާނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ބެލުމުގެ ދަށުންކަމަށް 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ސޯޝަލް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށް ވަނީ ނިންމަވާފައެވެ.

ޔޫތް ލީޑާރސް ނެޓްވޯކުން ވަނީ މިހާތަނަށް އައްޑު އަތޮޅާއި، ފުވައްމުލަކާއި، ހދ.ކުޅުދުއްފުއްޓާއި، ލ.ގަމާއި، ދ.ކުޑަހުވަދޫއާއި، ގއ.ވިލިނގިލީގެ އިތުރުން ހޯރަފުށީގައިވެސް ފޯރަމް ކުރިއަށްގެންގޮސްފައެވެ. މިއަހަރުގެ ފުރަތަމަ ފޯރަމް ފެބްރުއަރީ މަހު ބޭއްވީ ހޯރަފުށީގައެވެ.