ޖަލުތަކުގެ އޯޑިޓްރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ބެލުމަށް ޕްރިޒަންސް ރިފޯމް މޮނިޓަރިންގ ކޮމިޓީ އެއް އެކުލަވާލައްވައިފި

'ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019' ގެ 179 ވަނަ އިރުޝާދުގައިވާ ފަދައިން އެ އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި، އިޞްލާޙްކުރުމަށް ހުށަހަޅާފައިވާ ކަންތައްތައް ކުރަމުންދޭތޯ ބެލުމާއި، އިޞްލާޙްތައް ގެނައުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީ، ތާވަލުކުރެވޭ ގަވާއިދަކުން އެކަންކަން ހިނގަމުންދޭތޯ ބެލުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް، ޕްރިޒަންސް ރިފޯމް މޮނިޓަރިންގ ކޮމިޓީ މިއަދު އެކުލަވައިލައްވައިފިއެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ (ރިޔާސަތު)، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްއެފެއާޒް ޢަލީ ނަޛީރު، އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަޙްމަދު މުޙައްމަދު ފުޅު، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް ގެ އިތުރުން ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި އޯޑިޓް ހެދުމުގެ މައިގަނޑު ބޭނުމަކީ، ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިޞްލާޙު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމެވެ. އަދި އެ ރިޕޯޓަށް ރިޢާޔަތްކޮށް ޖަލުތަކުގެ ކަންކަން އިޞްލާހްކޮށް ގައިދީންގެ ޙައްޤުތައް ކަށަވަރު ކުރުމާއިއެކު ގައިދީންގެ އިންސާނީ ޙައްޤުތައް ލިބިދެވޭކަން ކަށަވަރު ކޮށްދިނުމެވެ.