ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯރޓް ޢާއްމުކޮށްފި

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯރޓް މިއަދު ޢާއްމުކޮށްފިއެވެ. ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލެއްވި ކޮމިޝަނުން ތައްޔާރުކުރި ރިޕޯރޓް މިއަދު ޢާއްމުކުރީ މިނިސްޓްރީ އޮފް ހޯމް އެފެއޒްގެ ވެބްސައިޓްގައެވެ.

ޖަލުތަކުގައި ހުރި މައްސަލަތަކާއި، ހޯދުނު ހޯދުންތައް ތަފްޞީލްކޮށް ރިޕޯރޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ގިނަކަމާއި، މަސްތުވާތަކެތީގެ ޤާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ޤާނޫނޫ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބައިތިއްބުމާއި، މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަން ފާހަގަކޮށްފައިވެއެވެ.

ޖަލުގެ ކެޕޭސިޓީއަށްވުރެ އިތުރަށް މީހުން ބައިތިއްބާފައިވާކަމަށް ރިޕޯރޓްގައި ފާހަގަކޮށްފައިވަނީ މާލެ ޖަލާއި، މާފުށި ޖަލުގައެވެ.

ރިޕޯރޓްގެ ހުށައެޅުންތަކުގެ އެންމެބޮޑު އިންސައްތައެއް ބިނާވަނީ ޕޮލިސީއާ ގުޅުންހުރި ކަންކަމަށެވެ. އެއީ 32% އެވެ. ހުށައެޅުންތަކުގެ %30 އަކީ ޤާނޫނުތަކާއި، ޤަވާއިދުތަކާ ގުޅުންހުރި ހުށައެޅުންތަކެވެ. އިދާރީ މައްސަލަތަކުގެ ގޮތުގައި %20 އަދި ބަޖެޓާ ގުޅުންހުރި %18 އިންސައްތަ ހުށައެޅުން ރިޕޯރޓްގައި ވަނީ ހިމަނާފައެވެ.

ހުށައެޅުންތަކުގެ ތެރެއިން އެންމެ ގިނަ ހުށައެޅުންތައް ރައްދުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށެވެ. އެއީ ހުށައެޅުންތަކުގެ %64 އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅުންހުރި %26 އިންސައްތަ ހުށައެޅުން އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒާ ގުޅުންހުރި %5 ހުށައެޅުމާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއާ ގުޅުންހުރި %3 ހުށައެޅުން ރިޕޯރޓްގައި ހިމަނާފައިވެއެވެ.

ޤާނޫނާ ޤަވާއިދުތަކާ ހިލާފް މައްސަލަތަކާއި، ޢާއްމު މައްސަލަތަކާއި، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލަތަކާއި، އަނިޔާގެ އަމަލުތައް ހިންގުމުގެ މައްސަލަތައްވެސް ރިޕޯރޓްގައި ހިމަނާފައިވެއެވެ.

ރިޕޯރޓް މިއަދު ޢާއްމުކުރީ މީހުންގެ ޒާތީ މައުލޫމާތާއި، ސަލާމަތާ ގުޅުންހުރި މައުލޫމާތުތައް އުނިކުރުމަށްފަހުއެވެ. ރިޕޯރޓް މިހާރު ވަނީ ކަމާ ގުޅުންހުރި ދާއިރާ ތަކާ ޙިއްޞާކުރެވިފައެވެ. އަދި ރިޕޯރޓްގައި ހުށައަޅުއްވާ، ފާހަގަކުރައްވާފައި ހުރި ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަމްދުﷲގެ އެންމެ ބޮޑު އެއް ތަޞައްވަރަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރެއްވުމެވެ. ޖަލަށް ލެވޭ މީހުން އަނބުރާ މުޖުތަމައުއަށް ނިކުންނައިރު އެމީހުންނަކީ ޖަލަށް ދިޔައިރު ތިބި ހާލަތަށްވުރެ ރަނގަޅު، މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހެއްދެވުމަކީ ތަޞައްވަރެވެ. ޖަލުތަކުގެ ހާލަތު ރަނގަޅު ކުރެއްވުމަށް ވަކިން ޚާއްޞަ އިސްކަމެއް ދެއްވައިގެން ގުޅުން ހުރި ދާއިރާތަކާ އެކު ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯރޓް

ފައިނަލް ރެކޮމެންޑޭޝަން ލިސްޓް