ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް ހޯމް މިނިސްޓަރ ފައްޓަވައިދެއްވައިފި

ޖަލުތަކުގެ ލައިބްރަރީއަށް ފިތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ މިއަދު ފައްޓަވައިދެއްވައިފިއެވެ. މިޕްރޮގްރާމް ފައްޓަވައިދެއްވުމަށްފަހު އެމަނިކުފާން ވަނީ ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރައްވާފައެވެ.

ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަކީ މިސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަމަށެވެ. އެމަނިކުފާން ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ވިސްނުމަށް ހެޔޮބަދަލު ގެނައުންކަމަށެވެ. ޖަލުތަކާ ހަވާލުވެތިބޭ މީހުންގެ ވިސްނުމާއި، ޖަލުތަކުގައި ބަންދުކުރެވޭ ޤައިދީންގެ ވިސްނުމަށްވެސް ހެޔޮބަދަލު ގެނަނަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެޔޮބަދަލު ގެނައުމަށް ފެށޭ ހިސާބަކީ އިތުރު މައުލޫމާތާއި، އިލްމް ލިބިގަތުންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އިތުރު އިލްމާއި މައުލޫމާތު ލިބިގަތުމުގެ އެންމެ މުޙިއްމު ވަޞީލަތަކީ ފޮތްކިޔުންކަމަށެވެ.

" އެހެންކަމުން ޖަލުގެ ޤައިދީންނަށް ފޮތްކިޔުމުގެ ފުރުޞަތު އިތުރަށް ތަނަވަސްކޮށްދިނުމަކީ ޖަލަށް ހެޔޮބަދަލުގެނައުމުގެ މުހިއްމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ އިސްކަމާއި، އެމަނިކުފާން އަޅުގަނޑުމެންނަށް ދެއްވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޙާއްޞަ ޝުކުރެއް ދަންނަވަން " މިނިސްޓަރ ވިދާޅުވިުއެވެ.

މީގެއިތުރުން ކަރެކްޝަންގެ އޮފިސަރުންނާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާ އެހެން ބޭފުޅުންވެސް ވަރަށްބޮޑު އެހީތެރިކަމެއްދެއްވާކަން ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖަލުތަކުގެ ލައިބްރަރީ މުއްސަނދިކުރުމަށް ގިނަ ފޮތްތަކެއް ބޭނުންވާކަމަށާއި، އެކަމުގައި މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާކަމަށެވެ. އުއްމީދުކުރައްވަނީ ހުރިހާ ޖަލުތަކެއްގައިވެސް އެކަށީގެންވާ ލައިބްރަރީތަކެއް ޤާއިމްކުރެއްވުމަށް ކަމަށާއި، އެކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުމަށް އެދޭކަމަށެވެ.

ކިޔަވާކުދިން ޚާއްޞަކޮށް، މަތީ ތައުލީމަށް ކިޔަވާކުދިންނާއި، ޖަމްއިއްޔާ ޖަމާއައްތަކާއި، ވިޔަފާރިވެރިންނާއި، ކުންފުނިތަކުގެ އެހީތެރިކަމާއި ސަރުކާރުގެ ހުރިހާ ފަންތިއެއްގެ އެހީތެރިކަންވެސް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ޖަލުތަކުގެ ލައިބްރަރީތައް އެކަށީގެންވާ ވަރަށް މުއްސަނދިކުރުމުގެ ފުރުޞަތު ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިކަން ވެގެންދާނީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުންގެންދާ މަސައްކަތަށް ލިބިގެންދާ ބޮޑު ބާރަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަބުދުﷲ މުނާޒް ވިދާޅުވީ ޖަލުތަކުގެ ރިހިބެލިޓޭޝަން ޕްރޮގްރާމްތައް މުރާޖައާކޮށް، ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމަކީ ސީދާ މިނިސްޓަރުގެ އިިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޕްރޮގްރާމެއްކަމަށެވެ. ޕްރޮގްރާމް ނިމުމުންވެސް ދާއިމީގޮތެއްގައި ފޮތް ހަދިޔާ ކުރުމުގެ އިންތިޒާމް ހަމަޖައްސަވާނެކަމަށް މުނާޒް ވިދާޅުވިއެވެ.

ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް އޮންނާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭގެ ނިޔަލަށް އަމީނިއްޔާ ސްކޫލްގެ ހޯލްގައެވެ. ފޮތް ހަދިޔާކުރުމުގެ ފުރުޞަތު އޮންނާނީ ހެނދުނު 10:00 ން 15:00 އަށް އަދި ރޭގަނޑު 21:00 ން 23:00 އަށެވެ. ހުކުރު ދުވަހު އޮންނާނީ ރޭގަނޑު 21:00 ން 23:00 އަށެވެ.