މީޑިޔާ ދާއިރާގައި ހުރި ކަންކަން ހައްލުކުރުމަށް ހޯމް މިނިސްޓްރީން މީޑިޔާ ކައުންސިލާއެކު މަޝްވަރާކޮށްފި

މީޑިޔާގެ ދާއިރާގައި ހުރި ކަންކަން ހައްލުކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން، މޯލްޑިވްސް މީޑިޔާ ކައުންސިލާއެކު މިއަދު މަޝްވަރާކޮށްފިއެވެ.

ހޯމް މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މޯލްޑިވްސް މީޑިޔާ ކައުންސިލުން ވަނީ އެކައުންސިލް ހިންގުމާއި، މަތިކޮށްފައިވާ މަޞްޢޫލިއްޔަތު އަދާކުރުމުގައި ހުރި ގޮންޖެހުންތައް ހުށައަޅާ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީޑިޔާ ކައުންސިލްގެ އެދިލެއްވުމަކަށް ބޭއްވި ބައްދަލުވުމުގައި އެކައުންސިލުން ހުށައެޅި މައިގަނޑު ކަންބޮޑުވުންތަކަކީ ބަޖެޓް ލިބުމުގައި ހުރި ދަތިކަމާއި، މެންޑޭޓް ތަންފީޒުކުރުމުގައި ހުރި ޤާނޫނީ ހުރަސްތަކެވެ. މީގެއިތުރުން މީޑިޔާގެ ދަފްތަރާއި، ނޫސްވެރިންގެ ދަފްތަރު އެކުލަވާލުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން މީޑިޔާތައް ރަޖިސްޓްރީ ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މިނިސްޓްރީގެ ފަރާތުން ބައްދަލުވުން ޗެއަރކުރެއްވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޛީރު ވިދާޅުވީ އެކަންކަން އަވަހަށް ހައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އަދި މީޑިޔާ ކައުންސިލާ ގުޅިގެން މީޑިޔާގެ ދާއިރާގެ ކުރިއެރުވުމަށް މަސައްކަތްކުރައްވަން ބޭނުންވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އެމަސައްކަތް ކުރައްވާނެކަމަށެވެ. ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވި ކައުންސިލްގެ ޝަކުވާތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތާއި، މީޑިއާ ދާއިރާ ކުރިއެރުވުމަށް ކައުންސިލާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ސްޓޭޓް މިނިސްޓަރ ދެއްވިއެެވެ. ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ ދިވެހި މީޑިޔާ ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގައި މޯލްޑިވްސް މީޑިޔާ ކައުންސިލްގެ އެހީތެރިކަން ބޭނުންވާކަމަށާއި، ދެފަރާތުން ގުޅިގެން ކުރެވެންހުރި ކިތަންމެ ކަމެއް އެބަހުރިކަމަށެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި މީޑިޔާ ކައުންސިލްގެ ރައީސް ހިދާޔަތުﷲގެ އިތުރުން އެކައުންސިލްގެ ބައެއް މެމްބަރުންނާއި، އިދާރީ ބޭފުޅުން ބައިވެރިވެލެއްވިއެވެ. މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަލީ ނަޛީރުގެ އިތުރުން ޑިރެކްޓަރ، ކޮމިއުނިކޭޝަން ޙަފްޞީ ޢަބްދުﷲ އާއި ސީނިއަރ ޕޮލިސީ އެގްޒެކްޓިވް ނިޝާނާ ހަސަން ބައްދަލުވުމުގައި ބައިވެރިވިއެވެ.