ރޯދަމަހު ޤައިދީންނާމެދު ލުއިކޮށް، ހެޔޮކޮށް ހިތުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އޮފިސަރުންނަށް ހޯމް މިނިސްޓަރ އިލްޠިމާސްކުރައްވައިފި

ރޯދަމަހު ޤައިދީންނާމެދު ލުއިކޮށް، ހެޔޮކޮށް ހިތުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޖަލު ބަލަހައްޓަވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ އިލްޠިމާސްކުރައްވައިފިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިކަމަށް އިލްޠިމާސްކުރެއްވީ މާފުށި ޖަލުގައި މިއަދު ފެންޕްލާންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޮފިސަރުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާން ވިދާޅުވީ ދެއްވެން އޮތް ލުޔެއް ދެއްވާ، ވީހާވެސް ބޮޑަށް އޯގާތެރިކޮށް، ހެޔޮކޮށް ހިތުމަށް އެދިވަޑައިގަންނަވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޤައިދީންނަކީވެސް ހަމަ އަޅުގަނޑުމެންގެ ތެރެއިން ބައެއް ކަމަށާއި، އެމީހުންގެ ތެރެއިން ގިނަ މީހުންވެސް ތިބޭނީ ރޯދައަށް ކަމަށެވެ. އެހެންކަމުން ރޯދަމަހު ޤައިދީންނާމެދު ވަކިން އިހުސާންތެރިކޮށް ކަންތައްކުރުމަށް އިލްތިމާސްކުރައްވާކަމަށެވެ.

" ޚާއްޞަކޮށް ރަމަޟާންމަހަށްޓަކައި ވީހާވެސް އޯގާވެރިކަމާއި، ހަމްދަރުދީއާ ކުލުނާއެކުގައި މުއާމަލާތްކުރުމަށް. ރޯދަމަހަށްޓަކައި ވަކިން އިހުސާންތެރިކޮށް ޤައިދީންނާ ދޭތެރޭ ކަންތައްތައް ކުރުމަށް ހުރިހާ އޮފިސަރުންނަށް އަޅުގަނޑު އިލްތިމާސްކުރަން. " މިނިސްޓަރ ވިދާޅުވިއެވެ.