މާފުށި ޖަލުގެ ފެންޕްލާންޓް ހޯމް މިނިސްޓަރ ހުޅުއްވައިދެއްވައިފި

މާފުށި ޖަލުގައި ޤާއިމްކުރި ފެންޕްލާންޓް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ހުޅުއްވައިދެއްވާ، ޚިދުމަތްދެއްވަން ފައްޓަވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ޙިއްޞާވާގޮތަށް އުފައްދަވާފައިވާ ޕްރިސް ވޯޓަރ ކުންފުނި މެދުވެރިކޮށް ޤައިދީންނަށް ސާފް ބޯފެން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މިމަޝްރޫޢުގެ ދަށުން ފެނުގެ ޚިދުމަތް ދިނުމަށް ކުރާ ޚަރަދުވެސް އެތައްތަނަކުން ކުޑަވާނެއެވެ. އެގޮތުން ކުރިން ދުވާލަކު 84000 ރުފިޔާ ޚަރަދުކުރި ނަމަވެސް އެއަދަދު މިހާރު 24000 ރުފިޔާއަށް ކުޑަވާނެއެވެ. މިއަދު ހުޅުވި ފެން ޕްލާންޓުން ދުވާލަކު 80 ޓަނުގެ ފެން އުފެއްދޭނެއެވެ. މާފުށި ޖަލަށް ބޭނުންވަނީ ދުވާލަކަށް 9 ޓަނުގެ ފެނެވެ. މިއަހަރުގެ މާރިޗް މަހު ފެށި މިމަޝްރޫޢުގެ މަޤްޞަދަކީ ޤައިދީންނަށް ސާފް ބޯފެން ފޯރުކޮށްދިނުމާއި، ޖަލަށް ވެއްދޭ ޕްލާސްޓިކް ފުޅި މަދުކުރުމެވެ. އަދި ފެނަށް ކުރެވޭ ޚަރަދު ކުޑަކުރުމެވެ.

ފެންޕްލާންޓް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވީ ސަރުކާރުން ޤައިދީންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތައް ވަރަށް ގިނަ ކަމަށާއި، ފެންޕްލާންޓްގެ ސަބަބުން ޤައިދީންނަށް ސާފް ބޯފެން ފޯރުކޮށްދިނުމުގައި އެޅިގެން މިދިޔައީ ވަރަށް މުޙިއްމު ފިޔަވަޅެއްކަމަށެވެ. ފެންޕްލާންޓްގެެ ސަބަބުން ހުރިހާ ޤައިދީންނަށްވެސް ހަމަހަމަގޮތެއްގައި ބޯން އެންމެ ކަމުދާ މިނަރަލް ވޯޓަރ ލެވެލްގެ ރަނގަޅު ފެން ލިބިގެންދާނެކަމަށެވެ.

" އަޅުގަނޑު އުއްމީދުކުރަނީ ދެން އިރާދަކުރެއްވިއްޔާ ޖަލުގެ ތެރޭގައި ފެނުގެ ސަބަބުން ދިމާވާ ބަލިތަކާއި، ދިމާވާ ސިއްޙީ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް. އަދި ސަރުކާރުން މިހާރު ހޭދަކުރަމުންދާ ހޭދަކުރުމަށްވެސް ވަރަށްބޮޑުތަނުން ލުއިވެގެންދާނެ. ހަމައެހެންމެ ޕްލާސްޓިކް ފުޅީގައި މިއެތެރެކުރަންޖެހޭ ފެނަށްވެސް ހުއްޓުމެއް އަންނާނެ. ހަޤީޤަތުގައި ޤައިދީންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ވަރަށް މުޙިއްމު ފިޔަވަޅެއްގެ ގޮތުގައި ސާފްބޯފެން ފޯރުކޮށްދިނުން އަޅުގަނޑުމެން ބަލައިގަންނަނީ. " މިނިސްޓަރ ވިދާޅުވިއެވެ.

ޕްރިސް ވޯޓަރ ކުންފުނީގެ ޗެއަރމަން އަބުދުﷲ ސައީދު ވިދާޅުވީ ޖަލަށް ބޭނުންވާ ތިން ދުވަހުގެ ފެން އެއްދުވަހުން ޖަމާކުރުމުގެ ޤާބިލްކަން ލިބިފައިވާކަމަށެވެ. މާދަމާ ފަށާ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ޖަލުގެ ހުރިހާ ގޮޅިތަކަށްވެސް ފެން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.