މަރުހޫމް މުޙައްމަދު ޒާހިރުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާ ބާއްވައިފި

ނިޝާން ޢިއްޒަތުގެ ވެރިޔާހ.ބުރެވިމާގޭ މުޙައްމަދު ޒާހިރު ދެމިއޮތުގެ ޢާލަމަށް ދަތުރު ކުރެއްވުމާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި ބާއްވާ ތައުބީނުގެ ޖަލްސާ ބާއްވައިފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިޖަލްސާގައި ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މަރްޙޫމް މުޙައްމަދު ޒާހިރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން އެމަރުޙޫމްގެ ހަނދާނުގައި ޝަރަފްގެ އައްޑަނައަކާއި ލިޔުމެއް އެރުވިއެވެ. ޝަރަފްގެ އައްޑަނައާއި ލިޔުން މަރުޙޫމް ޒާހިރުގެ އާއިލާއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިޖަލްސާގައި މަރުހޫމް ޒާހިރުގެ ޚިދުމަތްތަކާއި، ޝަހުޞިއްޔަތުގެ މައްޗަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވާހަކަފުޅުދެއްކެވިއެވެ. އަދި ކަސްޓަމްސްއަސް ކޮށްދެއްވި ޚިދުމަތްތަކުގެ މައްޗަށް އެސިސްޓެންޓް ކޮމިޝަނަރ (ރިޓަރޔަޑް) އާމިނަތު ރަޝީދާ ވާހަކަދެއްކެވިއެވެ. އާއިލާގެ ފަރާތުން ވާހަކަދެއްކެވީ މަރުޙޫމް މުޙައްމަދު ޒާހިރުގެ ދަރިކަލުން މަޙްމޫދު ޝުޖާޢުއެވެ.