ޖަލުތަކުގެ ހާލަތު ދެނެގަތުމަށް ތައްޔާރުކުރި ރިޕޯރޓް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ އަތްޕުޅަށް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން، ޖަލުތަކުގެ ހާލަތު ދެނެގަތުމަށް ތައްޔާރުކުރި ރިޕޯރޓް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲގެ އަތްޕުޅަށް މިއަދު އަރުވައިފިއެވެ. ރިޕޯރޓް މިނިސްޓަރުގެ އަތްޕުޅަށް އެރުވީ ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލެއްވި ކޮމިޝަންގެ މެމްބަރު ޒުލެއިޚާ ދާއޫދެވެ.

ރިޕޯރޓާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ މިއީ ފޮތްހަރުގަނޑަށް އިތުރުކޮށްލެވޭ ފޮތަކަށް ވުމުގެ ބަދަލުގައި އޭގައިހުރި ކަންކަން ތަންފީޒުކުރުމަށް މަސައްކަތްކުރެވޭ ރިޕޯރޓަކަށް ހައްދަވާނެކަމަށެވެ. އަދި ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމުގައި މައިގަނޑު އަޞާސެއްގެ ގޮތުގައި ބައްލަވާނީވެސް މިރިޕޯރޓްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މިރިޕޯރޓް މިއަދު އަޅުގަނޑުމެންނަށް ލިބުމަށްފަހު މާތްﷲ އިރާދަކުރެއްވިއްޔާ މިއީ ފޮތް ހަރުގަނޑަށް އިތުރުކޮށްލެވޭ ފޮތެއްގެ ގޮތުގައި އަޅުގަނޑުމެން ދޫނުކޮށްލާނަން. މިރިޕޯރޓްގައި ފާހަގަކުރެވިފައިހުރި ކަންކަމަށް ބަލާ ޖަލުތައް ރަނގަޅުކުރުމުގެ މައިގަނޑު އަޞާޞަކީ އިރާދަކުރެއްވިއްޔާ މިރިޕޯރޓްކަމުގައި ހަދާނަން. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އަޅުގަނޑުމެންގެ މަސައްކަތް އިރާދަކުރެއްވިއްޔާ ޖަލުތައް އިޞްލާހުކޮށް، ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މިރިޕޯރޓްގެ މައްޗަށް އަޅުގަނޑުމެން ފަށާނަން. ކޮމިޝަންގެ ބޭފުޅުން އެދިލެއްވިފަދައިން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އަޅުގަނޑުމެން ޢާއްމުކުރާނަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކަށް އެކަށީގެންވާ ރަނގަޅު ބަދަލުތަކެއް ގެނެވި، ދުނިޔޭގެ އެކި ޖަލުތަކާބެހޭ އުޞޫލުތަކާ ހަމަތަކަށް ފެތިގެންދާ މިންވަރަށް ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތު އިރާދަކުރެއްވިއްޔާ ހެޔޮގޮތުގައި ބަދަލުކުރައްވާނެކަމަށެވެ. ރިޕޯރޓް އެކުލަވާލެއްވުމުގައި ކޮމިޝަންގެ މެމްބަރުން ކުރެއްވި މަސައްކަތްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ވަރަށްގިނަ ގޮންޖެހުންތަކާއި، ހުރަސްތަކާއެކުވެސް އެމަސައްކަތް ކުރައްވާ ނިންމަވާފައިވަނީ ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހަމައަށްކަމަށެވެ.

" މިމަސައްކަތަކީ އޭގެޒާތުގައި ވަރަށްގިނަ ރިސްކްތަކެއްހުރި ދަތި އުނދަގޫތަކެއް ހުރި ކަމެއް. އެބޭފުޅުން މިކަމުގައި މަސައްކަތްކުރެއްވީ ޤައުމީ ފެންވަރެއްގައި، ޤައުމީ ރޫހެއްގައި ޤައުމީ އިހުޞާސެއްގައި އަޅުގަނޑުމެންގެ މިޤައުމަށް ކޮށްދެއްވޭ ވަރަށްބޮޑު ޚިދުމަތެއްގެ ގޮތުގައި." މިނިސްޓަރ ވިދާޅުވިއެވެ.

ރިޕޯރޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޝަންގެ މެމްބަރު އަހުމަދު މުޙައްމަދުފުޅު ވިދާޅުވީ 390 ޞަފްހާގެ މައްޗަށް އެކުލެވޭ ރިޕޯރޓްގައި 182 ހުށައެޅުމެއް ވާނެކަމަށެވެ. އޭގެތެރެއިން ގިނަ ހުށައެޅުންތަކަކީ ޖަލުތަކުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތައްކަމަށް އޭނާ ވިދާޅުވިއެވެ. ކޮމިޝަނަށް ފާހަގަކުރެވުނު އެހެން ބައެއްކަންތައްތަކުގެ ތެރޭގައި ޖަލުތަކުގެ ކެޕޭސިޓީއަށްވުރެ ގިނަ މީހުން ޖަލުތަކުގައި ބަންދުކޮށްފައި ތިބުމާއި، ޕެރޯލް ނިޒާމާއި، ކްލެމެންސީ ނިޒާމްގެ ދަށުން މީހުން މިނިވަންކުރުމުގައި ތަފާތުކުރުންތައް ހުރުން ހިމެނެއެވެ.

ރިޕޯރޓް އެކުލަވާލުމުގައި ގުޅުންހުރި ޤާނޫނުތަކާއި، ޤަވާއިދުތަކާއި، ޖަލުއަމުރުތަކާއި، މިނިވަން މުއައްޞަސާތަކުގެ ރިޕޯރޓްތަކާއި، ބައިނަލްއަޤްވާމީ މުއާހަދާތަކާއި، ޤަރާރުތައް ދިރާސާކުރިކަން ކޮމިޝަންގެ މެމްބަރު ފާހަގަކުރެއްވިއެވެ. އަދި ޖަލަށް ޒިޔާރަތްކޮށް ހޯދުނު ހޯދުންތަކާއި، ވަކިވަކި ޤައިދީންނާއި ބަންދުމީހުންނާއި ކުރި އިންޓަރވިއުތަކުން ހޯދުނު މަޢުލޫމާތުތަކާއި، ޖަލު އޮފިސަރުންގެ ފަރާތުން ހޯދި މައުލޫމާތުތައް ބޭނުންކޮށްފައިވާނެކަން ކޮމިޝަންގެ މެމްބަރު ފާހަގަކުރެއްވިއެވެ.

ރިޕޯރޓް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއިރު މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން އަބުދުﷲގެ ފަރާތްޕުޅުން ވަރަށްބޮޑު އެއްބާރުލެއްވުމެއް ލިބުނުކަން ކޮމިޝަނުން ފާހަގަކުރެއްވިއެވެ. ކޮމިޝަންގެ މަސައްކަތްތަކަށް އެހީތެރިވުމަށް މިނިސްޓްރީން ކަނޑައެޅުއްވި ޓީމްގެ ފަރާތުން ލިބުނު އެހީތެރިކަންވެސް ފާހަގަކުރެއްވިއެވެ.