އިސްލާމްދީނާއި ދިވެހި ޤައުމަށް ޚިދުމަތްކުރުމުގެ ހަމައެކަނި މަގަކީ ހަނގުރާމަވެރިކަމެއްނޫން - ހޯމް މިނިސްޓަރ

އިސްލާމްދީނާއި ދިވެހި ޤައުމަށް ޚިދުމަތްކުރުމުގެ ހަމައެކަނި މަގަކީ ހަނގުރާމަވެރިކަން ކަމުގައި ދެކުމަކީ އެންމެ ބުއްދިވެރިގޮތް ނޫންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާރޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ ޝަހީދުންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި ޤައުމުތައް އެއްބަޔަކު އަނެއްބަޔަކަށް ވާދަކޮށް އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރަމުންދާހިނދު، މިންކުރެވޭ ހަމައެކަނި ގޮތަކީ އަސްކަރީބާރުތަކެއްނޫންކަމަށެވެ. ތަފާތު އިޤްތިޞާދީ ބާރުތަކާއި އެހެނިހެން ވަޞީލަތްތަކުން ވާދަކުރަމުންދާހިނދު އަޅުގަނޑުމެން އަޅުގަނޑުމެންގެ ދައުރު ފުރިހަމައަށް އަދާކުރުމާމެދު ވިސްނަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިޤްޠިޞާދީ ބާރުތަކާއި އެހެނިހެން ބާރުތަކުން ދުނިޔޭގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރަމުންދާހިނދު އަޅުގަނޑުމެން ހަމައެކަނި ގަދަވާންޖެހެނީ އަސްކަރީބާރުންކަމަށް ދެކި ޤައުމާއި ދީނުގެ ހިމާޔަތުގައި އަޅުގަނޑުމެން ކުރަންޖެހޭކަމަކީ ހަމައެކަނި ހަނގުރާމަކުރުންކަމުގައި ދެކުމަކީ އަދި އެންމެ ބުއްދިވެރިގޮތް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ މުނާސަބާއެއް ފާހަގަކުރާއިރު އަޅުގަނޑުމެން އެންމެން ވިސްނަންޖެހޭ ހަނދާން އާކުރަންޖެހޭ ވަރަށްގިނަ ކަންކަން އެބަހުރިކަމަށެވެ.

" އަޅުގަނޑުމެންގެ ޤައުމާއި ވަޠަނަށްޓަކައި އަޅުގަނޑުމެން އަދާކުރަންޖެހޭ ދައުރަކީ ކޮބައިތޯ. ކޮންމެ މީހަކު އެމީހެއްގެ ޤައުމީގޮތުން ނަގަންޖެހޭ ޒިންމާއަކީ ކޮބައިތޯ ވިސްނާ ފިކުރުކޮށްލަންޖެހޭ "

މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ ޤައުމަށްޓަކައި އަޅުގަނޑުމެން ތެދުވަންޖެހޭ ކިތަންމެ މައިދާންތަކެއް އެބަހުރިކަމަށެވެ. އެގޮތުން ޝަހީދުންގެ އެންމެ އިއްޒަތްތެރި ހަމްޒަތު ބުނު ޢަބުދުލް މުޠަލިބް އާއި މިރޭ މިފާހަގަކުރެވޭ އަލިރަސްގެފާންފަދަ ބޭފުޅުންގެ ވަރުގަދަ ހިތްވަރުން އަޅުގަނޑުމެން ހިތްވަރު ލިބިގަންނަންޖެހޭކަމަށެވެ. އެބޭފުޅުންފަދަ ވަރުގަދަ އަޒުމަކާއި ކެރުންތެރިކަން ހުރިބަޔަކަށް އަޅުގަނޑުމެން ވާންޖެހޭކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. އެބޭފުޅުންފަދަ ޢިލްމީ ޤާބިލް ބަޔަކަށްވެސް އަޅުގަނޑުމެން ވާންޖެހޭކަމަށެވެ. އަދި އެބޭފުޅުންގެ މަތިވެރި އަހްލާޤީ ސިފަތަކުން އަޅުގަނޑުމެން ސިފަ ލިބިގަންނަންޖެހޭކަމަށާއި، ޤައުމަށާއި ދީނަށް ޚިދުމަތްކުރެވޭނީ އެބައެއްގެ ކިބައިގައި ހުންނަ ރިވެތި ސިފަތަކުގެ ނަތީޖާއެއްގެ ގޮތުންކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ އިސްލާމީ ތާރީޚުންވެސް ގިނަ މިސާލުތަކެއް ނަންގަވާފައެވެ. ދިވެހި ޤައުމުގެ ދިފާއުގައި އެކި ދުވަސްވަރު ޝަހީދުވި އަބްޠާލުންގެ ހަނދާން އާކުރައްވާ އެބޭފުޅުންގެ ފުރާނައަށް ސުވަރުގޭގެ ނިޢުމަތްލެއްވުން އެދި ދުއާކުރެއްވިއެވެ. އަދި އެފަދަ އެތައްބަޔަކު އެބަތިބިކަން ފާހަގަކުރައްވާ، އެފަދަ ބަޔަކަށް އަޅުގަނޑުމެން އެންމެންވެސް ވުމަށް އިލްތިމާސްކުރެއްވިއެވެ.