ޝަހީދުންގެ ދުވަހުގެ ޖަލްސާ މިރޭ ބާއްވައިފި

ޝަހީދުންގެ ދުވަހުގެ ޖަލްސާ މިރޭ ބާއްވައިފިއެވެ. ޝަހީދުންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. ޝަހީދުންގެ ދުވަހަކީ ޕޯޗްގީޒުންނާ ދެކޮޅަށް ހަނގުރާމަކުރައްވަނިކޮށް އަލިރަސްގެފާން ޝަހީދުވި ދުވަހެވެ.

ޝަހީދުންގެ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ ދިވެހިޤައުމު މިނިވަންކަމާއެކު މިއަދާހަމައަށް ގެނެސްދެއްވި އަބްޠާލުން އަޅުގަނޑުމެންނަށް ގެނެސްދެއްވި އެންމެ ބޮޑު ހަދިޔާއެއްގެ ގޮތުގައި މިއޮތީ މިނިވަންކަންމަތީ މިޤައުމު ދެމިއޮތުންކަމަށެވެ. ބަވަނަވެފައިވާ ދުނިޔެއެއްގައި ތަފާތު އެކިއޮއިވަރުގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރިކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

" އާދެ އަޅުގަނޑުމެންގެ ގުޅުން ބަދަހިކުރަން އެބަޖެހޭ. އަޅުގަނޑުމެންނަކީ އެއްބައެއްވަންތަ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބެން އެބަޖެހޭ. " ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ތާރީޚަށް ރިއާޔަތްކުރައްވާ އެމަނިކުފާން ވިދާޅުވީ ތާރީޚުން ފެންނަން އޮތީ މިފަދަ ހާދިސާތައް ހިނގާއިރު އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސްބަޔަކު އެކަމުގެ ތެރެއަށްވަދެ ގޯސްތަކެއްހަދާފައި އޮތްތަންކަމަށެވެ. އެއީ މިއަދު އަޅުގަނޑުމެން ސަމާލުވާންޖެހޭކަމެއްކަމަށް އެމަނިކުފާން ވިދާޅުވިއެވެ. އިސްލާމީ ހިދާޔަތުގެ އަލިކަން ތާއަބަދުލިބިފައި އޮތުމަކީ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންވެސް އެންމެބޮޑަށް ބޭނުންވާނެ ކަންތައްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ޤައުމާއިގެން ކުރިއަށްދާންޖެހޭކަމަށެވެ.

" މިފަދަ ދުވަހެއްގައި އަނެއްކާވެސް އެންމެބޮޑަށް ބޭނުންމިވަނީ އަޅުގަނޑުމެންގެ އެކުވެރިކަމާއި އެއްބައެއްވަންތަކަން އަޅުގަނޑުމެންގެ ތެރޭގައި ބާއްވާ ޤައުމައިގެން އަޅުގަނޑުމެން ކުރިއަށްދާންއެބަޖެހޭ. އަޅުގަނޑުމެން ހެޔޮގޮތުގައި ފިޔަވަޅުތައް އަޅައިފިނަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު މިންވަރުކުރައްވާނެ. " އެމަނިކުފާން ވިދާޅުވިއެވެ.

މިރޭބޭއްވި ޖަލްސާގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީއާއި، ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، އިސްކަންދަރު ސްކޫލް ގްރޭޑް 7 އޭގެ ދަރިވަރު ޚާޝިޢު އިލްހާމްވެސް ދުވަހާ ގުޅޭގޮތުންނާއި، ދުވަހުގެ ފިލާވަޅުތަކުން ލިބޭ ޢިބްރަތްތަކުގެ މައްޗަށް ވާހަކަދެއްކެވިއެވެ. ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާގެ ވާހަކަފުޅު ބިނާކުރެއްވީ " ޝަހީދުންގެ ދަރަޖަ "އިގެ މައްޗަށެވެ.

ޝަހީދުންގެ ދުވަހުގެ ޖަލްސާގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން އަބުދުﷲވެސް ވާހަކަފުޅުދެއްކެވިއެވެ. ޝަހީދުންގެ ދުވަހަކީ ޝައުބާންމަހުގެ ފުރަތަމަ ދުވަހެވެ. މިއަހަރު އެދުވަސް ދިމާވީ މިއޭޕްރީލް މަހުގެ 6 ވަނަ ދުވަހަށެވެ. އެދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮތްދުވަސްކަމަށް ވުމުން ރަސްމީ ޖަލްސާ މިރެއަށް ފަސްކުރީއެވެ.