ޤައިދީންގެ އުފެއްދުންތައް ދައްކުވައިދޭ އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހުޅުއްވައިދެއްވައިިފި

މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ޤައިދީންގެ އުފެއްދުންތައް ދައްކުވައިދޭ އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ދެކަނބަލުން މިއަދު ހުޅުއްވައިދެއްވައިފިއެވެ. ފެއަރ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފެއަރގެ އުފެއްދުންތައް ބައްލަވާލައްވާފައެވެ. މާފުށި ސްކޫލްގައި ކުރިއަށްގެންދާ މިފެއަރގައި 43 ޤައިދީންގެ އުފެއްދުންތައް ވަނީ ބައިވެރިކޮށްފައެވެ. މީގެއިތުރުން ފަސް އޮފިސަރުން ވަނީ އުފެއްދުންތައް ތައްޔާރުކުރުމުގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހާހަކަށްވުރެ ގިނަ އައިޓަމްތައް ހިމެނެއެވެ.

މީގެތެރޭގައި ހިމެނެނީ އަތްތެރި މަސައްކަތުގެ އުފެއްދުންތަކާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކެވެ. ކުރެހުމާއި، ތަފާތު އެކިވައްތަރުގެ ބަގީޗާގަސްތައްވެސް ފެއަރގައި ވަނީ ބައިވެރިކޮށްފައެވެ. ޖަލުގައި ޤައިދީން ހޭދަކުރަމުންދާ މުއްދަތުގައި އެފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ ތަމްރީނު އަންނަނީ ދެމުންނެވެ.

ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވީ ސަރުކާރުގެ ތަޞައްވަރަކީ ކުށްތަކަށް އަރައިގަންނަ މީހުން ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކުރުމަށްފަހު މުޖުތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ގެނައުންކަމަށެވެ. އެގޮތުން އެންމެ މުޙިއްމު އެއްކަމަކީ ހުކުމް ތަންފީޒުކުރުމަށްފަހު ނިކުންނައިރު ދިރިއުޅުމަށްޓަކައި ކުރާނެ މަސައްކަތެއް ދަސްވެފައި އޮތުންކަމަށެވެ. އެކަމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ޖަލުގައި ހުކުމް ތަންފީޒުކުރުމަށްފަހު އަންނަ ޤައިދީންނަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކުގެ ނަތީޖާ ފެންނަ އެއްތަނަކީ ސިލްސިލާކޮށް ބާއްވަމުން މިދާ އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ސަރުކާރުގެ ތަސައްވަރަކީ ހުކުމް ތަންފީޒުކުރާ ފަރާތްތައް އަލުން އަނބުރާ މުޖުތަމައުއަށް ނިކުންނައިރު ކުށް ތަކުރާރުކުރުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި، ތަފާތު އެކި ހުނަރުތަކާއި، މަސައްކަތްތައް ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމްތައް ބޮޑުތަނުން ފުޅާކުރުން " މިނިސްޓަރ ވިދާޅުވިއެވެ.

މިވަގުތު ހުކުމް ތަންފީޒުކުރުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކުރެވިފައިވާ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ދެވޭ އުޖޫރައަކީ އާދަޔާހިލާފް ކުޑަ އުޖޫރައެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

" ކުރިއަށްއޮތް ތަނުގައި އެކަން އަލުން ދިރާސާކޮށް އެފަރާތްތަކަށް ކުރާ މަސައްކަތާ އެކަށީގެންވާ ވަރުގެ އުޖޫރައެއް ލިބޭނެމަގު ތަނަވަސްކުރާނަން. ﷲގެ އިރާދަފުޅާއެކު ކުރިއަށްއޮތް ތަނުގައި މިމަސައްކަތްއިތުރަށް ފުޅާކުރެވި ޖަލުތަކުން އެނބުރި މުޖުތަމައުއަށް ނިކުންނަ މީހުންނަކީ އަލުން އަނބުރާ ދިރިއުޅުމެއް ފެށުމަށް ފައްކާވެފައިވާ ބަޔަކަށް ވެގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ޕްރޮގްރާމްގައި ބައިވެރިވެ ތަފާތު އައިޓަމްތައް ތައްޔާރުކުރި ޤައިދީންގެ ހުނަރުވެރިކަން ފާހަގަކޮށް، އެފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ. އަދި އެކަމުގައި އެހީތެރިވެދެއްވި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުރިހާ އޮފިސަރުންނަށްވެސް އެމަނިކުފާން ޝުކުރު އަދާކުރެއްވިއެވެ. ޖަލުތަކުގެ ހާލަތު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބުދުﷲ މުނާޒު އަދާކުރައްވާ ދައުރުވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފެއަރ ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެން ޤައިދީންގެ މަސައްކަތްތައް ބައްލަވާލައްވާކަމީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ބަހައްޓަވާ އަހައްމިއްޔަތު ދައްކުވައިދޭ ކަމެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާއަށްވެސް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ޝުކުރުއަދާކުރެއްވިއެވެ.

ފެއަރ މާފުށި ސްކޫލްގައި ކުރިއަށްގެންދާނީ މާދަމާރޭ އެގާރަ ޖެހުމާ ހަމައަށެވެ.