ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި އަލަށް ހެދި ޔުނިޓް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިއަދު ހުޅުއްވައިދެއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުޅުމާލޭ ޖަލުގައި ޤާއިމްކޮށްފައި ހުންނަ ޑިޓެންޝަން ސެންޓަރުގައި އަލަށް ހެދި ޔުނިޓް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ހުޅުމާލެ ޑިޓެންޝަން ސެންޓަރަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލެވެންދެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ބައިތިއްބާ ތަނެވެ. މިއަދު ހުޅުވި ޔުނިޓަކީ ދެގޮޅި ހިމެނޭ ޔުނިޓެކެވެ. ދެގޮޅިވެސް ތައްޔާރުކޮށްފައިވާނީ މަންޑޭލާ ރޫލްގައި ހިމެނޭ މިންގަނޑަށްވުރެ ރަނގަޅަށެވެ.

މިއަދު ހުޅުވި ޔުނިޓްގެ ކޮންމެ ގޮޅިއެއްގައިވެސް ގިނަވެގެން ބައިތިއްބާނީ 20 މީހުންނެވެ. އެމީހުން ނިދުމަށް ކޮންމެ ގޮޅިއެއްގައިވެސް ބަހައްޓާފައި ހުންނާނީ ބަންކް ބެޑެވެ.

28 ފޫޓް 17 ފޫޓްގެ ދެ ގޮޅި ހިމެނޭ ޔުނިޓް ތައްޔާރުކޮށްފައިވަނީ، ޔުނިޓްގެ ކުރިމަތިން ހުސްޖާގަ އޮންނަ ގޮތަށެވެ. ދުވާލުގެ ވަގުތުތަކުގައި ގޮޅިތަކުގައި ތިބުމުގެ ބަދަލުގައި، ގޮޅީން ބޭރުގައި ވަގުތު ހޭދަކުރެވޭނެއެވެ. ހުސްބިމުގައި ކައިބޮއި ހެދުމަށްޓަކައި މެސްރޫމެއްވެސް ހުންނާނެއެވެ. މީގެ އިތުރުން، މި ސެންޓަރުގެ ތެރޭގައި، ނަމާދު ކުރުމަށްޓަކައި ވެސް ވަކި ޔުނިޓެއް ވާނީ ޚާއްޞަ ކުރެވިފަ އެވެ.

ޔުނިޓް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެއްކަމަށާއި، އެމައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށެވެ.

އެމަސައްކަތުގައި އަޅަމުން އަންނަ ފިޔަވަޅުތަކަކީ އިންސާނީ ހައްޤުތަކާއި، ރާއްޖޭގެ ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށްފެތޭ ހަމަޔަކުން އަޅާފިޔަވަޅުތަކެއްކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޖަލުތަކުގެ ޙާލަތު ޖުމްލަގޮތެއްގައި ރަނގަޅުކޮށް، އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުންކަމަށެވެ.

ޖަލުތަކުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތްކުރުމަކީ، އެންމެ ބޮޑު އަމާޒުކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒްވެސް ވިދާޅުވި އެވެ.