ފުލުހުން އަތްދިއްކޮށްލާ ކޮންމެ ވަގުތަކު ފުލުހުންނަށް އެހީތެރިވުމަށް ހޯމް މިނިސްޓަރ އިލްތިމާސްކުރައްވައިފި

ފުލުހުން އަތްދިއްކޮށްލާ ކޮންމެ ވަގުތަކު ފުލުހުންނަށް އެހީތެރިވުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ އިލްޠިމާސްކުރައްވައިފިއެވެ. އެމަނިކުފާން މިކަމަށް އިލްޠިމާސްކުރެއްވީ ފުލުހުންގެ ޚިދުމަތަށް 86 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ދިވެހި ފުލުހުންގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަޞްޢޫލިއްޔަތާ ވާޖިބު އަދާކުރުމުގައި ދިވެހިންގެ އެއްބާރުލުމާއި އިހުތިރާމް ފުލުހުންނަށް ބޭނުންވާކަމަށެވެ.

" ފުލުހުންނަކީ ރައްޔިތުންގެ ލޯތްބާ އިހުތިރާމާއެކު މަސައްކަތްކުރެވޭ ބަޔަކަށް ހަދަންޖެހޭ. ފުލުހުން އަތްދިއްކޮށްލާ ކޮންމެ ވަގުތަކު ކޮންމެ މުޢާތިނަކު ފުލުހުންނާ އެހީތެރިކަމުގެ އަތްދިއްކޮށްލަންޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ ބޮޑު ޒިންމާ އަދާކުރުމުގައި ފުލުހުންގެ ކިބައިގައިވެސް މުޙިއްމު ސިފަތަކެއް ހުންނަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއީ އިސްލާމް ދީނާއި، ޤައުމާއި، ރައްޔިތުންނަށް އިހުލާސްތެރިވުމާއި، އަދުލު އިންސާފް ޤާއިމްކުރުމާއި، ޤާނޫނުގެ ކުރިމަތީގައި ނަމޫނާ ދެއްކުންފަދަ ސިފަތަކެވެ.

ތިޔަ ފުލުހުންގެ މިބޮޑު ޒިންމާޔާ މަޞްޢޫލިއްޔަތު އަދާކުރުމުގައި ވަރަށްވެސް މުޙިއްމު ސިފަތަކެއް ހުރިހާ އޮފިސަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭ. ދިވެހި ޤައުމާއި، މާތްވެގެނެންވާ އިސްލާމްދީނާއި، ދިވެހިޤައުމާ ރައްޔިތުންނަށް އިހުލާސްތެރިވުމަކީ މިމަސައްކަތުގެ މައިބަދަ. އަދުލުވެރިކަމާ އިންސާފާ ހަމަހަމަކަން ޤާއިމްކުރުމަކީ މިމަސައްކަތުގެ މައިނާރު. އަމިއްލަ މަސްލަހަތާއި، އަމިއްލަ އެދުންތަކުން ދުރުވެ ރައްޔިތުންގެ މަސްލަހަތު އިސްކޮށް ކުރިއަށްވަޑައިގަތުމަކީ މިކަމުގައި ސާބިތުވުމުގެ އެންމެ މަތިވެރި އެއްސިފަ. އަމިއްލަ އެދުންތަކާ ޒާތީ ތަޢައްސަބުތަކުން އެއްކިބާވެ، އަދުލު އިންސާ ޤާއިމްކޮށްދިނުމަކީ މިކަމުގައި ތިމާގެ ކިބައިގައި އުފައްދަންޖެހޭ ރިވެހި އަޚްލާޤެއް. ޤާނުނުތަކަށްތަބާވެ ޤާނޫނުތަކުގެ ކުރިމަތީގައި ރިވެތި ނަމޫނާ ދެއްކުމަކީ ޤާނޫނުތަކަށް އަނެކުން އަހުލުވެރިކުރުމަށް ކޮންމެހެން ބޭނުންވާ ސިފައެއް." މިނިސްޓަރ ވިދާޅުވިއެވެ

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ދިވެހިންގެ މިމުއައްސަސާއަކީ ދިވެހިންގެ އިއްޒަތާއި، ޝަރަފާއި، ކަރާމަތް ނަގަހައްޓާ ދިވެހިންނަށް ރައްކާތެރިކަމާއި އަމާންކަން ހޯދައިދިނުމުގައި 86 އަހަރު ހޭދަކޮށްފައިވާ ވަރުގަދަ މުއައްސަސާކަމަށެވެ. އަދި މުއައްސަސާ މިހިސާބަށް ގެނެވުނީ ދިވެހިންގެ ތެރެއިން ވަރަށް ހިތްވަރާއި އަޒުމްހުރި އެތައްބައެއްގެ ސަބަބުންކަމަށެވެ. ދިވެހިންގެ ތެރެއިން ޚިދުމަތްތެރި މޫރިތި އިއްޒަތްތެރި ބައެއްގެ ސަބަބުންކަމަށެވެ. ހަމައެހެންމެ ބޭރުގެ ފަރާތްތަކުގެ އެހީތެރިކަންވެސް ލިބިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިރޭ އިއުލާންކުރި ކުރިއަށް އޮތް ފަސް އަހަރުގެ ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭނުގެ މުޙިއްމު ސިޔާސަތުގެ ސަބަބުންވެސް ކުރިއެރުންތައް އަންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި ގާތްކަމާއި އަވަސްކަން އަންނާނެކަން ފާހަގަކުރެއްވިއެވެ.