ނޭޝަނަލް ކެޓް އަދި އޮޕްކެޓް ކޮމިޓީ އަލުން އެކުލަވާލާ، ފުރަަތަމަ ބައްދަލުވުން ބާއްވައިފި

ނޭޝަނަލް ކެޓް އަދި އޮޕްކެޓް ކޮމިޓީ އަލުން އެކުލަވާލާ، އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ބާއްވައިފިއެވެ.

މިކޮމިޓީއަކީ ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ (ކެޓް) އަދި އެކޮންވެންޝަންގެ އޮޕްޝަނަލް ޕްރޮޓޮކޯލް (އެޕްކެޓް)ގެ ދަށުން ދިވެހިރާއްޖެއިން ކުރުން ލާޒިމް ކަންތައްތައް ޤައުމީ ފެންވަރެއްގައި ކުރުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެކެވެ.

މިކޮމިޓީގެ ބޭނުމަކީ ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ އަދި އެމުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގެ ދަށުން ދިވެހިރާއްޖެއަށް ކުރުން ލާޒިމްވާ ކަންތައްތައް ތަންފީޛުކުރެވޭ މިންވަރު ދެނެގަތުމެވެ. އަދި ސަބްކޮމިޓީ އޮން ޕްރިވެންޝަން އޮފް ޓޯޗަރއިން ދިވެހިރާއްޖެއަށް ކުރާ ޒިޔާރަތްތަކުގައި ހުށަހަޅާ ކަންތައްތައް ތަންފީޛުކުރެވޭ މިންވަރާއި، ގޮންޖެހުންތައް ދެނެގަތުމެވެ. ކޮމިޓީއަށް ހުށައަޅަންޖެހޭ ރިޕޯރޓްތައް ޤަވާއިދުން ހުށައެޅުމަކީވެސް ކޮމިޓީގެ މަސައްކަތެކެވެ. ހުށަހަޅާ ރިޕޯރޓްތަކުގެ ރިވިއުއަށްފަހު ހުށައަޅާ ހުށައެޅުންތައް ތަންފީޛުކުރެވޭ މިންވަރުވެސް ކޮމިޓީން ބަލާނެއެވެ.

މިކޮމިޓީގައި 16 ދާއިރާއަކުން ބޭފުޅުން ހިމެނެއެވެ. އެދާއިރާތަކަކީ މިނިސްޓްރީ އޮފް ހޯމް އެފެެއާޒް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، އެޓަރނީ ޖެނެރަލްގެ އޮފީސް، ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، މޯލްޑިވްސް އިމިގްރޭޝަން، ޖުވެނައިލް ޖަސްޓިސް ޔުނިޓް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް، މިނިސްޓްރީ އޮފް ހެލްތް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނެވެ.

މިކޮމިޓީ އެންމެ ފުރަތަމަ އެކުލަވާލެއްވީ 2016 ވަނަ އަހަރުއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އަލުން މިކޮމިޓީ އެކުލަވާލައްވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.