ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ޖަޕާނުން ރާއްޖެއަށް ކަނޑައެޅުއްވި އާސަފީރާ ބައްދަލުކުރައްވައިފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުންނެވެ. ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ. އެގޮތުން މީހުން ބިނާކުރުމާއި، ތަކެތީގެ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޖަޕާނަކީ އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް އޮންނަ ޤައުމެއް ކަމަށާއި، ޖަޕާން ސަރުކާރުން ވެދެއްވާފައިވާ، އަދި ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ. އެކަމަށްޓަކައި މިނިސްޓަރ ޢިމްރާން އަބުދުﷲ ވަނީ ޖަޕާން ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. ޚާއްޞަކޮށް ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ސްކޫލްތައް ބިނާކޮށްދެއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޖަޕާނާއި، ރާއްޖެއަކީވެސް ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ދެ ޤައުމުކަމަށްވާތީ ރަށްތައް ކުރިއަރުވާ ތަރައްޤީކުރުމުގެ ތަޖުރިބާ ޖަޕާން ސަރުކާރުގައި ހުންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޖަޕާން ސަފީރު ވަނީ ކުރިއަށް އޮތް ރައްޔޮތުންގެ މަޖިލީހުގެ އިންތިޚާބަކީ އަމާން ޞުލުހަވެރި އިންތިޚާބަކަށް އެދިވަޑައިގެންފައެވެ. އަދި އިންތިޚާބުގެ ފަހުން މަޝްވަރާކުރެއްވުމަށް އިތުރު ބައްދަލުވުމެއް ބޭއްވެވުމުގެ ޝައުޤުވެރިިކަން ދެ ބޭފުޅުންވެސް ފާޅުކުރެއްވިއެވެ.