އުއްމީދަކީ ޖަލަށް ލެވުމަށްފަހު އަނބުރާ ނެރޭ ކޮންމެ ޤައިދީއަކީ މުޖުތަމައުއަށް ފައިދާހުރި މީހަކަށްވުން - ހޯމް މިނިސްޓަރ

އުއްމީދަކީ ޖަލަށް ލެވުމަށްފަހު އަނބުރާ ނެރޭ ކޮންމެ ޤައިދީއަކީވެސް މުޖުތަމަޢުއަށް ފައިދާހުރި މީހަކަށްވުންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ މާފުށި ޖަލުގައި މިއަދު ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމް އިފްތިޠާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ސަރުކާރުންވެސް އުއްމީދުކުރައްވަނީ އެގޮތަށްކަމަށާއި، އަދި އެމަނިކުފާނުގެވެސް އުއްމީދަކީ އެއީކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޖަލަކީ އަދަބުދޭން ލާތަނެއް ނޫންކަމަށާއި، އެއީ އިޞްލާހުވާންލިބޭ ފަހި ފުރުޞަތެއްކަމަށެވެ. ޖަލުގައި ހޭދަކުރާ މަރުހަލާއަކީ ޤައިދީންނަށް ޢިލްމާއި، ހުނަރު ދަސްކޮށްދިނުމުގެ މަރުހަލާއަކަށްވާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަދު އިފްޠިޠާހުކުރެވުނު ސްމާޓް ކެމްޕަސްއަކީވެސް އެކަމަށް ފަހިކޮށްދޭ ފުރުޞަތެއްކަމަށެވެ.

" އާދެ އަޅުގަނޑުމެން، އަޅުގަނޑުމެންގެ މުޅި ސިސްޓަމް ބިނާކުރަން ބޭނުންވަނީ ހަޤީޤަތުގައިވެސް އަދަބު ދިނުމުގެ ބަދަލުގައި އިޞްލާހުކުރުމަށް މަގުފަހިކޮށްދޭ ތަނެއްގެ ގޮތުގައި. މިމަސައްކަތްކުރުމުގެ އެންމެ މުޙިއްމު އެއްކަމަކަށްވާނީ އިލްމް އުގަންނައިދިނުން، ހުނަރުތައް ދަސްކޮށްދިނުން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު އިފްތިޠާހުކުރެވުނު ސްމާޓް ކެމްޕަސްއަކީ ދުރުގައި ތިބެގެންވެސް އިލްމް އުގެނުމުގެ ފެށުމެއްކަމަށެވެ. ޤައިދީންނާއެކު ތަފާތު މަރުހަލާތަކުގައި މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޖަލުގެ މަރުހަލާ ނިމިގެން ނިކުންނައިރު އެއިން ކޮންމެ މީހަކީ، ޚާއްޞަކޮށް ކޮންމެ ޒުވާނަކީ ޤައުމަށް ފައިދާހުރި ޒުވާނެއްގެ ގޮތުގައި ނެރެވިގެން ދިއުމަށް އުއްމީދުކުރައްވާކަމަށެވެ. ޖިނާއީ އަދުލުގެ ނިޒާމްވެސް ބައްޓަންކުރެވިގެންދާންވާނީ އަޅުގަނޑުމެންގެ ތެރެއިން ކުށްކުރެވޭ މީހުންނަށް ފަސޭހަކަމާއެކު މުޖުތަމައުއަށް، މުޖުތަމައުއަށް ފައިދާހުރި ބަޔަކަށް ވެގެން ނިކުމެވޭނެ ގޮތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ އެންމެން ގުޅިގެން ކުރެވޭނެ މަސައްކަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރާއި، މަދަނީ މުޖުތަމައު އެކުގައި ކުރެވޭ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުކުރެވިގެންދާނެކަމަށެވެ.