މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ހދ.އަތޮޅު ސްޓޭޓް ހައުސް ހުޅުއްވައިދެއްވައިފި

ހދ.އަތޮޅު ސްޓޭޓް ހައުސް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ރޭ ހުޅުއްވައިދެއްވައިފިއެވެ.

ހދ.ކުޅުދުއްފުށީގައި ހުންނަ ސްޓޭޓް ހައުސް ހުޅުވީ މަރާމާތަށްފަހު ބަދަލުތަކެއް ގެނެސްގެންނެވެ. ސްޓޭޓް ހައުސްގެ މަސައްކަތް ނިންމާފައިވަނީ 88 ދުވަހުންނެވެ.

ސްޓޭޓް ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވީ ކުޅުދުއްފުށީގައި، ހދ.އަތޮޅުގެ ވެރިރަށުގައި މާދަމާ ކުޅުދުއްފުށީ ސިޓީގައި މިފަދަ މުޙިއްމު މުޢައްޞަޞާއެއް ހުރުމަކީ ކިތަންމެހާވެސް ބޭނުންތެރިކަމެއްކަމަށެވެ. މިފަދަ މަސައްކަތްތައް ކުރެވިގެންދަނީ ރައްޔިތުންނާ ވިޔަފާރިވެރިންނާ، ސަރުކާރުގެ މުޢައްޞަޞާތައް ގުޅިލާމެހިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސިޔާސީގޮތުން ތަފާތުވާ ތަފާތުވުމަކީ މުޅިޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް އިޖުތިމާއީ ހަމަޖެހުމަށް ބުރޫއަރާފަދަ ކަމަކަށް ހަދައިގެންނުވާނެކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މިތަންތަން ވީރާނާވެ ހަލާކުވެގެން ހިނގައިދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އަޅުގަނޑު ތިޔަހުރިހާ ބޭފުޅުންގެ ކިބައިން އެދެނީ މިތަންތަން ކުރިއަރުވާ ތަރައްޤީކުރުމަށްޓަކާ، އަޅުގަނޑުމެންގެ އާ ވިސްނުންތައް ގެނެސް އާހިޔާލުތަކާއެކުގައި މަސައްކަތްތައް ފެށި، ކައުންސިލާ ސަރުކާރުގެ އެއްބާރުލުން ލިބިގެން އިރާދަކުރެއްވިއްޔާ އެހެން ހަރުފަތަކަށް މިތަނުގެ ޚިދުމަތްވެސް ގެންދިއުން. އަޅުގަނޑުމެން މިތިބީ އިރާދަކުރެއްވިއްޔާ ސަރުކާރުގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް ދިނުމަށް ތައްޔާރަށް." މިނިސްޓަރ ވިދާޅުވިއެވެ.

މިމަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ އަތޮޅުގެތައް ހިންގުމުގެ ބޭނުމަށްޓަކައި ދައުލަތުގެ ފަރާތުން ބިނާކޮށްފައިވާ ޢިމާރާތްތަކާއި، ދައުލަތުގެ ފަރާތުން ހޯދާފައިވާ ވަޞީލަތްތަކާއި، ރަށްރަށުގެ ހިންގުމުގެ ބޭނުމަށްޓަކައި ބިނާކޮށްފައިވާ ޢިމާރާތްތަކާއި، ވަޞީލަތްތައް ދައުލަތަށް އެންމެ ފައިދާހުރި ގޮތަށް ބޭނުންކުރުމުގެ އިންތިޒާމް ހަމަޖެއްސުމެވެ.