ހދ.ކުޅުދުއްފުށީ ލޯކަލް މާރުކޭޓް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ހުޅުއްވައިދެއްވައިފި

ހދ.ކުޅުދުއްފުށީ ލޯކަލް މާރުކޭޓް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ރޭ ހުޅުއްވައިދެއްވައިފިއެވެ.

ކުޅުދުއްފުށީ މާރުކޭޓް ޞަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ ވިދާޅުވީ މިއީ އުއްމީދުތަކެއްގެ ތެރެއިން ޕްލޭންތަކެއް ހެދިގެން، އެކަމަށް ފަންޑް ހޯދިގެން އަމަލީ ގޮތުން މަސައްކަތްފެށިގެން މާރުކޭޓްގެ މަސައްކަތް ނިމުމާ ހަމައަށްދިޔަރޭކަމަށެވެ. އެމަނިކުފާން ވިދާޅުވީ މިއަދުވެސް އަޅުގަނޑުމެންކުރަންޖެހޭ އުއްމީދުކުރާ އެތައް ގިނަ ކަންތައްތައް އެބަހުރިކަމަށާއި، އެހެން ނަމަވެސް މިއަދަކީ ކުރިން އުއްމީދުކުރެވެމުން އައިކަމެއް ނިމުނުރޭކަމަށެވެ. އެއްކަމަކަށްފަހު އަނެއްކަމަކަށް އަޅުގަނޑުމެން ދަތުރުކުރަންޖެހޭކަމަށާއި، މިއަދު މާރުކޭޓްގެ މަސައްކަތް ނިންމުމަށްފަހު މިއަންނަ އަހަރު އާ އެހެން މަޝްރޫއެއް ފެށެންޖެހޭ ކަމަށެވެ.

" އަޅުގަނޑުމެން އެދެނީ އުއްމީދުކުރަނީ ކުރިންވެސް ޚާއްޞަކޮށް ކުޅުދުއްފުށްޓާ މިޞަރަހައްދުގެ މައި އިޤްޠިޞާދީ ހަބެއްގެ ގޮތުގައި މިރަށުގައި މިމަސައްތައް ކުރެވެމުންދިޔަ ފަދައިން ކުރިއަށް އޮތް ދުވަސްތަކުގައި ޚާއްޞަކޮށް ސިޓީއަކަށް ބަދަލުވެގެންދާއިރު އިރާދަކުރެއްވިއްޔާ މިރަށުގައި އިޤްޠިޞާދީ އިތުރު މަސައްކަތްތައް ފެށިގެން ދިއުން. އޭގެ ނަތީޖާއަކަށްވާނީ، ރަށަށް ޞަރަހައްދަށް މުޅިޤައުމުގެ ތަރައްޤީގައި ބޮޑުބައިވެރިވުން ޙިއްޞާވާންފެށުން. ގުޅިގެން މަސައްކަތްކުރުމަކީ މުޙިއްމުކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ސަރުކާރު ކުރިއަށްގެންދިއުމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުމަށްވެސް އެދިވަޑައިގެންފައެވެ. މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ސަރުކާރު ކުރިއަށްގެންދިއުމުގައި ފަސޭހަވެގެންދަނީ ރައްޔިތުންގެ އެއްބާރުލުން ލިބުނު މިންވަރަކުންކަމަށާއި، ވަކިން ޚާއްޞަކޮށް ސަރުކާރަށް އެހީތެރިވުމުގައި އުފެދިފައިވާ މުއައްޞަޞާތަކުގެ އެއްބާރުލުން ލިބުނު މިންވަރަކުން މަސައްކަތްކުރަން ފަސޭހަވެގެންދާނެކަމަށެވެ.

" އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އުއްމީދުކުރަނީ، އަޅުގަނޑުމެން އެދިގެން މިތިބީ ކައުންސިލްތަކާއެކު ގިނަ މަސައްކަތްތަކެއްކުރަން. ކައުންސިލްތަކުގެ ބައިވެރިވުން އޮވެގެން ގިނަ މަސައްކަތްތަކެއްކުރަން. ރައްޔިތުންނަށް ޚިދުމަތްދިނުމުގެ އެންމެ މުޙިއްމު އެއް ފަށަލައަކީ ކައުންސިލްތައް. އެގޮތުން ކައުންސިލްތަކާ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުމަކީ ގާތް ގުޅުމަކަށްވުމަށް ސަރުކާރުން އަބަދުވެސް އުއްމީދުކުރޭ" މިނިސްޓަރ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ލޯކަލް މާރުކޭޓަކީ ހަތަރު މިލިއަނަށްވުރެ ބޮޑު ހޭދައެއްކޮށްގެން އިމާރާތްކޮށްފައިވާ މާރުކޭޓެކެވެ. މަސައްކަތް ނިންމުމަށް އެއް އަހަރާއި އަށްމަސް ހޭދަވިއެވެ.