"ހަވަލި" ފެއަރއަށް ދެހާހެއްހާ މީހުން ޒިޔާރަތްކުރި

މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރއަށް ދެހާހެއްހާ މީހުން ޒިޔާރަތްކޮށްފިއެވެ.

ރޭ ނިމުނު "ހަވަލި" ފެއަރއަށް ޒިޔާރަތްކުރި މީހުންގެ ތެރޭގައި ސްކޫލްތަކުގެ 250 އެއްހާ ދަރިވަރުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި 12 ސްކޫލެއްގެ ދަރިވަރުން ހިމެނެއެވެ. ވިޔަފާރިތަކާއި، ކުންފުނިތަކުން 32 މީހުން ފެއަރއަށް ޒިޔާރަތްކޮށް، ޖަމްއިއްޔާތަކުގެ މެމްބަރުންނާ ބައްދަލުކޮށް މައުލޫމާތު ހޯދިއެވެ.

ފެއަރގައި ހިމެނޭ ހުރިހާ ސްޓޯލްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުވެސް ވަޑައިގެން ޖަމްއިއްޔާތަކުގެ މެމްބަރުންގެ އަޑު އައްސެވިއެވެ. މީގެއިތުރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް ޢިސްމާޢީލްއާއި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދާއި، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި، މިނިސްޓަރ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ހިންގެވުމާ ހަވާލުހުންނެވި މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު ވަނީ ފެއަރގެ ހުރިހާ ސްޓޯލްތަކަށް ވަޑަައިގެން ޖަމްއިއްޔާތަކުގެ މެމްބަރުންގެ އަޑު އައްސަވާ މަޢުލޫމާތު ހޯއްދަވާފައެވެ.

މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲއާއި ޖަމްޢިއްޔާތަކުގެ ރެޖިސްޓްރަރ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޒީރުވެސް ފެއަރގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، ޖަމްއިޔާތަކުގެ މެމްބަރުން އަދި މަންދޫބުންނާ ބައްދަލުކުރެއްވިއެވެ.

މާރޗްމަހުގެ 17،16 އަދި 18 ވަނަ ދުވަހު ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ފެއަރގެ ތެރޭގައި ޖަމްއިއްޔާތަކުގެ މެމްބަރުންނަށް ތަމްރީނު ދިނުމާއި، މުޙިއްމު ދާއިރާތަކުން މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ނެޓްވޯކިންގ ސެޝަންތައްވެސް ވަނީ ކުރިއށްގެންގޮސްފައެވެ.

ޖަމްއިއްޔާތަކުގެ މެމްބަރުން ފާހަގަކުރި ގޮތުގައި މިއީ ކުރިއެރުންތަކެއް ލިބުނު، އަދި ޖަމްއިއްޔާތަކުގެ މެދުގައި ގުޅުންތައް ބަދަހިވި ފެއަރއެއްކަމަށެވެ. ކުރިމަގުގައި ގުޅިގެން މަސައްކަތް ކުރުމަށް ފެއަރގެ ސަބަބުން ފުރުޞަތު ފަހިވިކަން ޖަމްއިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ޢާއްމުންނާ، ކުންފުނިތަކާ ޙިއްޞާކުރުމަށާއި، ހުރަސްތަކާއި ޚިޔާލުތައް ސަރުކާރާ ޙިއްޞާކުރުމަށް ފުރުޞަތު ލިބުނުކަން ޖަމްއިއްޔާތަކުން ފާހަގަކުރިއެވެ.