ހަވަލި ފެއަރއަށް ކުންފުނިތަކާއި، ވިޔަފާރިތަކުން ޒިޔާރަތްކޮށްފި

މަދަނީ ޖަމްޢިއްޔާތަކަށް ޚާއްޞަކޮށްގެން މިހާރު ދަރުބާރުގޭގައި ކުރިއަށްގެންދާ "ހަވަލި" ފެއަރއަށް ކުންފުނިތަކާއި، ވިޔަފާރިތަކުން ޒިޔާރަތްކޮށްފިއެވެ.

ފެއަރއަށް ޒިޔާރަތްކުރި ކުންފުނިތަކުގެ ތެރޭގައި ސަރުކާރުގެ ބޮޑަތި ކުންފުނިތަކާއި، އަމިއްލަ ކުންފުނިތައް ހިމެނެއެވެ. އޭގެތެރޭގައި އެސްޓީއޯ،ވެމްކޯ، އައިލެންޑްއޭވިއޭޝަން، އެމް.ޑަބްލިޔު.އެސް.ސީ، އެމްޕީއެލް، ފެނަކަ ކޯޕަރޭޝަން، އެމް.ޓީ.ސީ.ސީ، ބޭންކް އޮފް މޯލްޑިވްސް، ސްޓެލްކޯ، އެޗް.ޑީ.ސީ، އެމް.އެމް.ޕީ.އާރު.ސީ، ގްރީޓަރ މާލެ، އެލިސަން، އެޗް.އޯ.އެފް.ސީ، ލިކަމާ، އެލިއާ އަދި ދިރާގު ހިމެނެއެވެ. ކުންފުނިތަކުގެ އިސްބޭފުޅުން ވަނީ ޖަމްއިއްޔާތަކުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، ޖަމްއިއްޔާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. ޖަމްއިއްޔާތަކުގެ މަންދޫބުންގެ އަޑު ކުންފުނިތަކުގެ އިސްބޭފުޅުން އައްސަވާ ކުރިމަގުގައި ގުޅިގެން މަސައްކަތްކުރުމަށް ގުޅުންތައް ވަނީ ބަދަހިކުރައްވާފައެވެ.

ފެއަރއަށް ޒިޔާރަތްކުރެއްވި ބައެއް ކުންފުނިތަކާއި، ޖަމާއަތްތަކުން ވަނީ ޖަމްއިއްޔާތަކަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މުޙިއްމު މައުލޫމާތުތައް ޙިއްޞާކުރައްވާ ޕްރެޒެންޓޭޝަންތައް ދެއްވާފައެވެ. ޕްރެޒެންޓޭޝަން ދެއްވި ފަރާތްތަކުގެ ތެރޭގައި މޯލްޑިވިއަން، ޔޫ،.އެން.ޑީ.ޕީ، ދިރާގު، އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް، ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިޔާ މޯލްޑިވްސް ހިމެނެއެވެ.

ވިޔަފާރިތަކާއި، ކުންފުނިތަކާއެކު ޖަމްއިއްޔާތަކުން ބޭއްވި ބައްދަލުކުރުންތައް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޒީރު ވިދާޅުވީ މިއީ ޖަމްއިއްޔާތަކާއި، ކުންފުނިތައް ގުޅިގެން މަސައްކަތް ކުރުމަށް ފަހިކޮށްދިން ފުރުޞަތެއްކަމަށެވެ. ނަޒީރު ވިދާޅުވީ ކުންފުނިތަކުން ކުރާ ހޭދައަކީ ޖަމާއަތަށް އޭގެ މަންފާ ފުރިހަމައަށް ލިބޭ ހޭދަތަކަށްވުމަކީ އުއްމީދުކުރައްވާގޮތްކަމަށެވެ. ފެއަރގެ ތެރެއިން ޖަމްއިއްޔާތަކާއި، ކުންފުނިތަކުން ވާހަކަދައްކަވާ މަޝްވަރާކުރައްވައިގެން އެކީގައި ގުޅިގެން ކުރެވެން ހުރީ ކޮންކަންކަމެއްތޯ ބައްލަވާ ކުރިއަށްއޮތްތާނގައި މަސައްކަތްކުރެއްވުމަށް އެދޭކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲވެސް މިއަދު ވަނީ ފެއަރއަށް ޒިޔާރަތްކުރައްވާ ސްޓޯލްތަކަށް ވަޑައިގެން، ޖަމްއިއްޔާތަކުގެ ބޭފުންނާ ބައްދަލުކުރައްވާފައެވެ.

ދަރުބާރުގޭގައި ފެއަރ ކުރިއަށްދާނީ މާދަމާރޭ 10:30 ގެ ނިޔަލަށެވެ. ހުޅުވިފައި ހުންނާނީ މެންދުރު ފަހު 13:00 ން 18:00 އަށް އަދި 20:00 ން 22:30 އަށެވެ.