" ހަވަލި " ފެއަރ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާއީލް ހުޅުއްވައިދެއްވައިފި

މަދަނީ ޖަމްއިއްޔާތަކުގެ ފެއަރ " ހަވަލި " މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާއީލް މިއަދު ހުޅުއްވައިދެއްވައިފިއެވެ. ޖަމްއިއްޔާތަކުގެ ފެއަރއެއް ބޭއްވުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ފެއަރ ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ ފައްޔާޟު އިސްމާޢީލް ވިދާޅުވީ ޑިމޮކްރަސީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރުވެސް ވަރަށް މުޙިއްމުކަމަށެވެ. ޑިމޮކްރަސީގެ ތަނބުގެ ގޮތުގައި ތިންކަމެއް ނުވަތަ ހަތަރު ކަމެއްގެ ވާހަކަ އަޅުގަނޑުމެން އެބަދައްކާކަމަށާއި، އިތުރު ކަމެއްގެ ވާހަކަ ފާހަގަކުރާނަމަ އެންމެ މުޙިއްމު އެއްކަމަކީ މަދަނީ މުޖުތަމައުކަމަށެވެ.

" މަދަނީ މުޖުތަމައުއަކީ ރައްޔިތުންގެ މަޖިލީހަށްވުރެވެސް، ސަރުކާރަށްވުރެވެސް އަދި ޖުޑިޝަރީއަށްވުރެވެސް މުޙިއްމުކަމެއް، ރައްޔިތުންގެ އިޙުޞާޞްތައް، ރައްޔިތުން ބޭނުންވާ ކަންކަން މިދައުލަތްތެރޭގައި ހިމެނިގެން ދިއުމަށްޓަކައި " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކަންކަން ގޯސްވެގެންދާ ވަގުތުތަކުގައި ރައްޔިތުންގެ ވިންދާއި، ރައްޔިތުން ބޭނުންވާގޮތް އެއަޑު އުފުލުމުގައި ހަޤީޤަތުގައި އެންމެ މުޙިއްމުދައުރެއް އަދާކުރާ ބަޔަކީ މަދަނީ މުޛުތަމައު، މަދަނީ ޖަމްއިއްޔާތައްކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިކުރި ދަތުރުތަކުގައި، އަޅުގަނޑުމެން މިކުރި ކެމްޕޭންތަކުގައި މިސަރުކާރަށް އަޅުގަނޑުމެން އައުމުގައި އަޅުގަނޑުމެންނަށް ފާހަގަވެފައިވަނީ މަދަނީ ޖަމްއިއްޔާތަކުގެ މުޙިއްމުކަން އަދި އަޅުގަނޑުމެން މިބޭނުންވާ ޑިމޮކްރަޓިކް މުޖުތަމައު މިޤައުމުގައި އަށަގަނެ، ހިފެހެއްޓުމަށްޓަކައި އެންމެ މުޙިއްމު އެއް ރޯލެއް ކުޅެވޭނެ ބަޔަކީ މަދަނީ މުޖުތަމައުވެގެން ދިއުން " މިނިސްޓަރ ވިދާޅުވިއެވެ. ޖަމްއިއްޔާތަކަށް މިލިބޭ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށްވެސް މިނިސްޓަރ ވަނީ ޖަމްއިއްޔާތަކަށް އިލްތިމާސްކުރައްވާފައެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ފަރާތުން ވާހަކަދައްކަވަމުން ޖަމްއިއްޔާތަކުގެ ރެޖިސްޓްރަރ އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒު އަލީ ނަޒީރު ވިދާޅުވީ ފެއަރ އިންތިޒާމްކޮށް ރާވާ ކުރިއަށްގެންދަވަނީ ޖަމްއިއްޔާތަކުން ބޭނުންވާގޮތަށްކަމަށެވެ. ފެއަރ ފެށިގެން ކުރިއަށްދަނީ މިނިސްޓްރީން ހަމައެކަނި ސަޕޯރޓްދޭބައެއްގެ ގޮތުގައި ތިބެ، ޖަމްއިއްޔާތަކުން ބޭނުންވާގޮތަށް ޖަމްއިއްޔާތަކުން ކުރިއަށްގެންދަވާ ފެއަރއެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވިގޮތަށް މިފެއަރގެ ތެރެއިން މަދަނީ މުޖުތަމައު ބާރުވެރިކުރުވުމަށްޓަކައި ޚާއްޞަ ހަރަކާތްތަކެއް ހިންގި، ފެއަރ ނިމިގެންދާއިރުގައި ދިވެހިރާއްޖޭގައި މިވަގުތު ސިވިލް ސޮސައިޓީ އޮތް މިންވަރަށްވުރެ އިތުރަށް ކުރިއަރައިގެންދާނެކަމަށް " ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިފެއަރގައި 100 އަށްވުރެ ގިނަ ޖަމްއިއްޔާ ބައިވެރިވެއެވެ. ފެއަރ ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް މެންދުރު 1300 ން 1800 އަށް އަދި 2000 ން 2230 އަށް ދަރުބާރުގޭގައެވެ. މީގެއިތުރުން ހެނދުނާއި މެންދުރުފަހުވެސް ތަމްރީނު ޕްރޮގްރާމްތަކާއި، ނެޓްވޯކިންގ ސެޝަންތައް އަދި ކީނޯޓް ސެޝަންތައް ކުރިއަށްގެންދާނެއެވެ. ފެއަރގެ ބޭނުމަކީ ޖަމްއިއްޔާތައް ޖަމްއިއްޔާތަކާ ގުޅުވާލަ ދިނުމެވެ. އަދި ވިޔަފާރިތަކާއި، ކުންފުނިތަކާވެސް ޖަމްއިއްޔާތަކާ ގުޅުވާލަ ދިނުމެވެ. ހަމައެހެންމެ ޢާއްމުންނާއި، ސްކޫލް ދަރިވަރުންނާވެސް ޖަމްއިއްޔާތަކާ ގުޅުވާލަ ދިނުމެވެ. މިފެއަރ އޮންނާނީ މިމަހުގެ 17،16 އަދި 18 ވަނަ ދުވަހުއެވެ.