ހަވަލި ފެއަރގެ ސަލާމަތީ ކަންކަން އިންތިޒާމްކޮށް، ބަލަހައްޓައިދޭނީ އަމިއްލަ ކުންފުންޏަކާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓްކޯ

މަދަނީ ޖަމްއިއްޔާތަކުގެ ފެއަރ "ހަވަލި" ގެ ސަލާމަތީ ކަންކަން އިންތިޒާމްކޮށް ބަލަހައްޓައިދޭން ސެކިއުރިޓީ ޚިދުމަތްދޭ އަމިއްލަ ކުންފުންޏަކާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓްކޯއާއެކު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ސޮއިކޮށްފިއެވެ.

އަންނަ ހޮނިހިރު ދުވަހު ފަށާ ފެއަރގެ ސަލާމަތީ ކަންކަން އިންތިޒާމްކޮށް ބަލަހައްޓައިދޭނީ އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯއިންނެވެ. އެކުންފުންޏާއި، ކެޑޭޓްކޯ ގުޅިގެން ފެއަރގެ ސަލާމަތީ ކަންކަން އިންތިޒާމްކޮށް ބަލަހައްޓައިދޭނީ ހިލޭސާބަހަށެވެ. މާދަމާ ދަރުބާރުގޭގެ މާލަންތައް ފެއަރއަށް ތައްޔާރުކުރަން ފަށާ ހިސާބުން، އަންނަ ހޯމަ ދުވަހު ފެއަރ ނިމި ސެޓަޕް ރޫޅާލަންދެން އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯއިން ސަލާމަތީ ކަންކަން ބަލަހައްޓައިދޭނެއެވެ. އެގޮތުން ފެއަރއަށް ވަދެ ނިކުތުމަށް ބޭނުންކުރާ ހުރިހާ ގޭޓެއްގައިވެސް ސެކިއުރިޓީ ބެލެހެއްޓުމަށް ހަރަކާތްތެރިވާނެއެވެ. ފެއަރއަށް ވަދެވޭނީ ފާސް އަޅައިގެންނެވެ. ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ރެޖިސްޓްރޭޝަން ޑެސްކުން ފާސްދޫކުރާނެއެވެ.

ފެއަރގައި ހިމެނޭ ކިޑްސް ކޯނަރ ހިލޭސާބަހަށް ބަލަހައްޓައިދޭނީ މޯލްޑިވްސް ގަރލްގައިޑް އެސޯސިއޭޝަނުންނެވެ. ފެއަރ ކުރިއަށްގެންދަނީ މަދަނީޖަމްއިއްޔާތައް ވަރަށް ބޮޑަށް ބައިވެރިވެގެންނެވެ.

ފެއަރ އޮންނާނީ އަންނަ ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހުއެވެ.