100 އަށްވުރެ ގިނަ ޖަމްއިއްޔާއާއެކު "ހަވަލި" ފެއަރ އަންނަ ހޮނިހިރު ދުވަހު ފަށާނެ

މަދަނީ ޖަމްއިއްޔާތަކުގެ ފެއަރ " ހަވަލި " އަންނަ ހޮނިހިރު ދުވަހު ދަރުބާރުގޭގައި ފަށާނެއެވެ. ފެއަރ ހުޅުވާނީ ހޮނިހިރު ދުވަހު މެންދުރު 13:00 ގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފެއަރ ހޮނިހިރު ދުވަހު ފަށާނީ 100 އަށްވުރެ ގިނަ ޖަމްއިއްޔާއާއެކުއެވެ. އޭގެ ތެރޭގައި އަތޮޅުތަކުގެ ޖަމްއިއްޔާތައް ހިމެނެއެވެ. އަދި ތަފާތު ދާއިރާތަކުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތައް ހިމެނެއެވެ.

މާރޗް މަހުގެ 17،16 އަދި 18 ވަނަ ދުވަހު ކުރިއަށްގެންދާ މިފެއަރގައި ޖަމްއިއްޔާތަކުގެ މައުލޫމާތު ޢާއްމުންނާއި، ވިޔަފާރިތަކާއި، ދަރިވަރުންނަށް ފޯރުކޮށްދޭނެއެވެ. އެމައުލޫމާތުތައް ފޯރުކޮށްދޭނީ ޖަމްއިއްޔާތަކުން ދަރުބާރުގޭގައި ތައްޔާރުކޮށްފައިވާ ސްޓޯލްތަކުންނެވެ. މީގެއިތުރުން ކުޑަކުދިންނަށް ޚާއްޞަ "ކިޑްސް ކޯނަރ" އެއް ފެއަރގައި ހުންނާނެއެވެ. މިއީ ކުޑަކުދިން ގޮވައިގެން ފެއަރއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތައްޔާރުކުރާ ކޯނަރއެކެވެ. ފެއަރ ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް މެންދުރު 13:00 ން 18:00 އަށް އަދި 20:00 ން 22:30 އަށެވެ.

ފެއަރގެ ތެރޭގައި ޖަމްއިއްޔާތަކަށް ތަމްރީނު ދިނުމާއި، ނެޓްވޯކިންގ ސެޝަންތަކާއި، ތަފާތު ދާއިރާތަކުގެ ތަޖުރިބާހުރި ފަރާތްތަކުގެ މުޙިއްމު ކީނޯޓް ސެޝަންތައް ހިމެނޭނެއެވެ. ކީނޯޓް ސެޝަންތަކުގައި ޖާގަ އޮތް މިންވަރަކުން ޢާއްމުންނަށްވެސް ބައިވެރިވެވޭނެއެވެ. މިސެޝަންތައް ބައްޓަން ކުރާނީ ތަފާތު ދާއިރާތަކުގައި ޖަމްއިއްޔާތަކުގެ ދައުރަށެވެ.

ތަމްރީނުތަކުގައި ބައިވެރިވާނީ ޖަމްއިއްޔާތަކުންނެވެ. ޖަމްއިއްޔާތަކަށް މައިގަނޑުގޮތެއްގައި ތަމްރީނު ދޭނީ ޕްރޮޕޯސަލް ހެދުމާއި، ބަޖެޓް ހެދުމާއި، ޕްލޭ ތައްޔާރުރުކުރުމާ ގުޅޭގޮތުންނެވެ.

މިފެއަރގެ ތެރެއިން ހާޞިލްކުރަން ބޭނުންވާ އެންމެ މުޙިއްމު އެއްކަމަކީ ޖަމްއިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިވެ، ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި ވިޔަފާރިތަކާއި، މަޞްލަހަތުވެރިންނާއި ޖަމްއިއްޔާތަކާ ގުޅުވައިދިނުމެވެ. މީގެއިތުރުން ޢާއްމުންނާއި ދަރިވަރުންނަށްވެސް ޖަމްއިއްޔާތަކުގައި ބައިވެރިވެ، ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.