ދ.އަތޮޅު ކައުންސިލްގެ އައު ޢިމާރާތް މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބްދުﷲ ހުޅުއްވައިދެއްވައިފި

ދ.އަތޮޅު ކައުންސިލްގެ އާއިމާރާތް މިނިސްޓަރ ހޮފް ހޯމް އެފެއާޒު ޢިމްރާން ޢަބްދުﷲ މިރޭ ހުޅުއްވައިދެއްވައިފިއެވެ. ޢިމާރާތް ހުޅުއްވައިދެއްވުމަށްފަހު އަތޮޅުކައުންސިލްގެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ މުޅި ޤައުމުގެ ތަރައްޤީއާއި، ޤައުމުގެ ކުރިއެރުމާއި، ކުރިމަގަށް ވިސްނާފިކުރު ކުރާއިރު މިފަދަ ކަންކަމަކީ

ކުރިމަގަށްޓަކައި އަލިކުރެވިގެންދާ ބައްތިތަކެއް ފަދަ ކަންކަން ކަމަށެވެ. ޤައުމެއް ކުރިއަރާ ތަރައްޤީވެގެންދާނީ އެޤައުމެއްގައި ދިރިއުޅޭ ރައްޔިތަކު ކުރިއަރާ ތަރައްޤީވުމަށް މަގުފަހިކުރެވޭ މިންވަރަކުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

" އަޅުގަނޑު ޤަބޫލުކުރާގޮތުގައި ރާއްޖޭގައި މިއަދު ލާމަރުކަޒީ ނިޒާމް އުފަންކުރެވި، ބިނާކުރެވި ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާހިނދު، އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގާތުން ފަސޭހަ ފުރިހަމަ ޚިދުމަތްތަކެއް ދިނުމީ މިއަދު އަޅުގަނޑުމެންގެ ޤައުމު އެންމެ ބޭނުންވެފައިވާ އެންމެ މުޙިއްމު އެއްކަންތައް "މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެވިސްނުމުން ބަލާއިރު މިރޭ ހުޅުވި އަތޮޅު ކައުންސިލް އިމާރާތަކީ ދ.އަތޮޅަށް އަދި މިޞަރަހައްދަށްވެސް މުޙިއްމު ބިނާއެއްކަމަށެވެ. އެކަށީގެންވާ، ފުރިހަމަ އިމާރާތުން ރައްޔިތުންނަށް އެކަށީގެންވާ ފުރިހަމަ ޚިދުމަތްތައް ދިނުމަށް މިނިސްޓަރ އެދިވަޑައިގެންވިއެވެ.

މިރޭ މިނިސްޓަރ ހުޅުއްވައިދެއްވި ދ.އަތޮޅު ކައުންސިލްގެ އާއިމާރާތަކީ 1000 އަކަފޫޓްގެ ދެބުރި އިމާރާތެކެވެ. އިމާރާތަށް 6.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.