ރައްޔިތުންނަށް އޭގެ މަންފާ ފުރިހަމަ ގޮތުގައި ލިބޭނޭހެން ރާއްޖޭގެ ހިންގުމުގެ ކަންކަން އަލުން ބައްޓަންކުރައްވާނެކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބުދުﷲ ވިދާޅުވެއްޖެ

ޤާނޫނުއަސާސީ ކުރަހާދޭ ތަސައްވަރާ އެއްމިންވަރަކަށް، ރައްޔިތުންނަށް އޭގެ މަންފާ ފުރިހަމަ ގޮތުގައި ލިބޭނޭހެން ލާމަރުކަޒީ އުޞޫލުން މިރާއްޖޭގެ ހިންގުމުގެ ކަންކަން އަލުން ބައްޓަންކުރައްވާނެކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އަދި ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ލާމަރުކަޒު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ރައީސްގެ ހައިޞިއްޔަތުން ދެއްވި ޚިޠާބުގައި އެމަނިކުފާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިގެން އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރާން ނިންމި މުހިންމު އެއްކަމަކީ ލާމަރުކަޒީ ޤާނޫނު އިސްލާހުކޮށް، ރައްޔިތުންނަށް އޭގެ މަންފާ ފުރިހަމަ ގޮތުގައި ލިބޭނެހެން މިރާއްޖޭގެ ހިންގުމުގެ ކަންކަން އަލުން ބައްޓަންކުރުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޤާނޫނުއަޞާސީ ކުރަހައިދޭ ތަސައްވަރާ އެއް މިންވަރަކަށް ރާއްޖޭގެ ކަންކަން ލާމަރުކަޒު ކުރެވިފައި ނެތީ ޤާނޫނުގައި ހުރި ބައެއް އުނިކަންކަމާއި، ޤާނޫނުތަކުގައި ހުރި ބައެއް ފުށުއެރުންތަކާއި އަދި އުސޫލީކަންކަމުގައި އުފެދިފައިހުރި ދެބަސްވުންތަކާހުރެކަމަށެވެ.

އެމަނިކުފާން ވިދާޅުވީ މިރާއްޖެއަށް މެދުވެރިވެފައި ހުރި އިޖުތިމާއީ، އިޤުތިސާދީ އަދި ސިޔާސީ އެތައް ބައިވަރު މައްސަލަތައް ޙައްލުކުރުމަށް އަޅަންޖެހޭ މުހިންމު އެއް ފިޔަވަޅަކީ ޙަޤީޤީ މާނާގައި މިރާއްޖޭގެ ހިންގުން ލާމަރުކަޒުކުރުންކަމަށެވެ.

" އެހެންކަމުން ލާމަރުކަޒީ ޤާނޫނު އަލުން އިސްލާޙުވެގެން އަންނައިރު އަންނަން ޖެހޭ އެންމެ މުހިންމު އެއް ކުރިއެރުމަކީ ކައުންސިލްތައް މާލީ ގޮތުން މިނިވަންވާނެ ސާފުސާދާ މަގެއް ހޯދުން. މައި ސަރުކާރަށް ބަރޯސާނުވެ ރަށްރަށާއި އަތޮޅުތައް ހިންގުމަށް ހިނގާ ޚަރަދާއި އާންމު ޚިދުމަތްތައް ދިނުމަށްޓަކައި ހިނގާ ޚަރަދަށްވުރެ މަދު ނުވާނެ އާމްދަނީއެއް ލިބޭނެ ގޮތެއް ސާފުކޮށް ފެންނާން އޮތުން. މުޅި ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަން ނެތިގެން ނުދާނެހެން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށާއި، ޤުދުރަތީ މުއްސަނދިކަމުގެ މަންފާ އެންމެނަށް އިންސާފުވެރި އުސޫލަކުން ބެހިގެންދިއުމަށްޓަކައި، ރަށްރަށާއި ފަޅުފަޅާއި އެހެނިހެން ވަސީލަތްތައް އިޤްތިސާދީ ބޭނުމަށް ދޫކޮށްލެވޭ ހިނދު އެކަށީގެންވާ މިންވަރަކަށް ރައްޔިތުންގެ ޚިޔާލު ހޯދިގެން ރައްޔިތުންނަށް އޭގެ މަންފާކުރާނެހެން އެކަންކުރެވޭނެ ގޮތެއް ހޯދުމަކީވެސް ކުރާންޖެހިފައި އޮތް މުހިންމު މަސައްކަތެއް " މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ އެންމެ ފުރަތަމަ ނިންމެވުންތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ވޭތުވެދިޔަތަނުގައި ޤާނޫނާ ޚިލާފަށް ހިފެހެއްޓިފައި ހުރި ލޯކަލް ކައުންސިލްތަކުގެ ބާރުތަކާއި، ޤާނޫނާ ޚިލާފަށް ލޯކަލް ކައުންސިލްތަކާމެދު އަޅާފައިވާ ފިޔަވަޅުތައް މުރާޖާކޮށް އެކަންކަމަށް ޙައްލެއް ހޯދުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެމަފްހޫމުގައި ލާމަރުކަޒީ ޤާނޫނު އަލުން އިސްލާޙުކޮށް، ﷲ ގެ ވާގިފުޅާއެކު ލާމަރުކަޒީ ނިޒާމު އޭގެ ފުރިހަމަގޮތުގައި ހިންގާނެކަމަށާއި، ރައްޔިތުންގެ ކަންކަމުގައި ބަސްބުނެ އެކަންކަމުގައި ފުރިހަމަޔަށް ބައިވެރިވުމުގެ ފުރުޞަތު ހޯދައިދޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.