24 އޯގަސްޓް 2016
ޖަމްޢިއްޔާތަކުގެ ގަވާއިދަށް 2 ވަނަ އިޞްލާހު ގެނައުމުގެ ގަވާޢިދު ގެޒެޓްކޮށްފި
ގަވާއިދު ނަމްބަރ: 2016/R-180 (ޖަމްޢިއްޔާތަކުގެ ގަވާއިދު) އަށް 2 ވަނަ އިޞްލާހު ގެނައުމުގެ ގަވާއިދު މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ. އިޞްލާހުގެނެވުނު މާއްދާތަކަކީ ގަވާއިދުގެ 16 ވަނަ މާއްދާއަށް (ރ) (ބ) އަދި (ޅ) އިތިރުކުރުމާއި ގަވާއިދުގެ 47 ވަނަ މާއްދާ (ޖަމްޢިއްޔާ ހިންގުމަށް އިތުރު ފުރުޞަތު ނުދިނުން) މިމާއްދާ އުނިކުރުމާއި މިމާއްދާ އުނިކުރުމުން ގަވާއިދުން އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން ގަވާއިދު މާއްދާތަކުގެ ނަމްބަރު ތަރުތީބުކުރުމެވެ.
 
21 އޯގަސްޓް 2016
ހޯމް މިނިސްޓަރ ޖައިކާގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒުލީން އަޙްމަދު ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) ގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ 2014 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާ ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޖަޕާނުގެ ބޮޑުވަޒީރާއެކު ސޮއިކުރެވުނު ޖޮއިންޓް ސްޓޭޓްމަންޓު އެއްބަސްވުމުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިންޓަރގްރޭޓެޑް ސަރވިސަސް ޑިޖިޓަލް ބްރޯޑްކާސްޓިން ޓެރެސްޓްރިއަލް (އައިއެސްޑީބީ-ޓީ) ޕްރޮޖެކްޓްގެ މަސައްކަތް ހިނގަމުންދާގޮތާއި ބެހޭގޮތުންނެވެ.
 
18 އޯގަސްޓް 2016
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި އިންތިޚާބަކީ ބާޠިލް އިންތިޚާބެއްކަމަށް ކަނޑައަޅައިފި
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 17 މާރިޗް 2016 ވަނަ ދުވަހު ބޭއްވެވި އިންތިޚާބަކީ ބާޠިލް އިންތިޚާބެއްކަމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅައިފިއެވެ. މިގޮތަށް ކަނޑައެޅީ އެއެސޯސިއޭޝަންގެ ހިންގާ ގަވާޢިދުގެ 11 ވަނަ މާއްދާއާއި ޚިލާފުވެފައިވާތީއެވެ.
 
17 އޯގަސްޓް 2016
މީޑިއާ ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚާއި ވޯޓުލާން ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ޢާންމުންގެ މެންބަރުކަމުގެ މަޤާމަށް މެންބަރަކަށް ހޮވުމަށް އިންތިޚާބު ބާއްވާ ތާރީޚް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އާންމުކުރައްވައިފިއެވެ. މިއިންތިޚާބު އޮންނާނީ 2016 އޯގަސްޓް 26 ވާ ހުކުރުދުވަހު ހަވީރު 16:00 ން 17:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.
 
17 އޯގަސްޓް 2016
ހޯމް މިނިސްޓްރީގެ ރިކްރިއޭޝަން ކްލަބުން ހޯމް މިނިސްޓަރާއި ބައްދަލު ކުރައްވައިފި
ހޯމް މިނިސްޓަރ އަޒްލީން އަޙުމަދާއި ހޯމް އެފެއާޒް ރިކްރިއޭޝަން ކަލްބު (ހާރކް)ގެ ހިންގާކޮމިޓީން ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައެވެ. މި ބައްދަލު ވުމުގެ މައިގަނޑު މަޤްސަދަކީ މިނިސްޓްރީގެ ރިކްރިއޭޝަން ކްލަބް، ހާރކް އިން ކުރާ މަސައްކަތާއި ބެހޭގޮތުން މިނިސްޓަރަށް މަޢުލޫމާތު އެރުވުމާއި، ކޮމިޓީގެ މެމްބަރުން މިނިސްޓަރަށް ތަޢާރަފް ވުމެވެ.